އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް ތައާރަފްކޮށް 6،000 އެނދު ގާއިމްކޮށް ސީޕްލޭން ހަބެއް ތަރައްގީ ކޮށްދެއްވާނެ ކަމުގެ އުފާވެރި ހަބަރު އައްޑޫ ރައްޔިތުންނަށް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު މިހަބަރުދެއްވީ ރިޔާސީ ކެމްޕޭންގައި އައްޑޫ ސިޓީ ހިތަދޫގައި ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ ތަރައްގީއަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަން ފާހަގަކުރައްވައި އައްޑޫއަށް އެންމެ ބޮޑަށް ބޭނުންވާ ބޯހިޔާ ވަހިކަމާއި، ވަޒީފާގެ ފުރުސަތުތަކަށް މިސަރުކާރުން އިހުމާލު ވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަދު މިވަނީ ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ސޮއްސާލާފަައިކަމަށާއި ނަމަވެސް ރައްޔިތުން އެކުގައި ތިބިއްޔާ ތަރައްގީގެ ރަންޒަމާނެއް ގެނެސްދެއްވާނެކަމަށއެވެ. އައްޑޫ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުން ވެފައިވާ ތަރައްގިގައި ކުރިއަށް ދާން އެދޭ ރައްޔިތުން ތިބި ސިޓީއެއްކަމަށްވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔާ ވަހިކަމަށް ބޭނުންވާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި އެތައް ޒުވާނުން ވަޒީފާ ނެތި މަގުމަތި ވެފައިވާތަން ފެންނަ ކަމަށާއި، އެކަން އެހެންވީ މިސަރުކާރަށް އައްޑޫގައި ތަރައްްގީގެ އެވަރުގެ މަސައްކަތެއް ކޮށް ނުދެވުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްގީއާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް ދެން އުފެދޭވެރިކަމެއްގައި 6،000 ޓޫރިސްޓް އެނދު ޤާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއާއެކު 10،000 ވަޒީފާ އުފެދިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މަޝްރޫއާއިއެކު އައްޑޫ ސިޓީއަށް ސީޕްލޭން ހަބެއް ގެނެސް ދެއްވާނެ ކަމަށާއި، މިއާއިއެކު ހުވަދުއާއި، އައްޑޫ ސިޓީގެ ޓޫރިޒަމަށް އިތުރަށް ފުޅާވެ، އިތުރު ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގެދޮރުވެރިކަމުގެ ޔަގީނަކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ގެނެސްދޭނަން. އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީީ ނުކޮށް ވަޒީފާ އިތުރު ނުވާނެ. އައްސޭރި ޓޫރިޒަމް މަޝްރޫއު ތަޢާރަފްކޮށް، 6،000 އެނދު ގާއިމްކޮށް ކާމިޔާބު ކަމާއިއެކު ހާސިލްކޮށްދޭނަން. އެމަޝްރޫއުން 10،000 ވަޒީފާ އުފެދިގެންދާނެ،"
މުއިއްޒު

މުއިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުން މިއަދު ޕީޕީއެމް، ޕީއެންސީއަށް ކުރާ ތާއީދަކީ ރައީސް ޔާމީން އައްޑޫ ސިޓީއަށް ގެނެސްދެއްވި ތަރައްގީ ކަމަށެވެ. މުއިއްޒު ވަނީ ރައީސް ޔާމީންގެ އެތަރައްގީ އިޔާދަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދާއިއެކު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ގާނޫނީ ހަމަތަކުގެ މަތީން ކުރާނެ ކަމަކީ އެއީކަމަށް މުއިއްޒު ވިދާޅުވިއެވެ.