މިއަދު އެމްޑީޕީން ވަކިވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު އިދިކޮޅު ކެނޑިޑޭޓު ޑރ. މުއިއްޒުއަށް ތާއީދު ކުރަން ނިންމަވައިފިއެވެ.

ސިރާޖް އެމްޑީޕީން ވަކިވިކަން އިއުލާން ކުރުމަށްފަހު، މުއިއްޒުއާއެކު ނަގާފައިވާ ފޮޓޯއަކާއެކު މިރޭ ކުރި ޓުވީޓެއްގައި ސިރާޖު ވިދާޅުވީ ރިޔާސީރޭހުގައި ޑރ. މުއިއްޒު އަށް ތާއީދުކުރަން އޭނާ ނިންމާފައިވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އެޑްރެސްކޮށް އެމްޑީޕީން ވަކިވިކަން އިއުލާންކޮށް ސިރާޖު ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރެެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށް، ޕާޓީގެ ދަފްތަރުން މިއަދު ފެށިގެން އުނިކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ސިރާޖަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. އެގޮތުން އޭރުގެ ސަރުކާރުން ހައްޔަރު ކުރާ މީހުންގެ ޤާނޫނީ ވަކީލުކަން ހިލޭ ކޮށްދެއްވުމާއި، ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދުމަށް ސިރާޖު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.