ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

ވިނަރެސް އެޕާޓުމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެފަހު ވަގުތު ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނެ ލިޔުން ހަވާލުކުރި ފަރާތްތަކަށް ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ނުވަތަ ފުލެޓް ލިބޭނެ ކަމުގެ ލިޔުން ދިން ބައެއް ފަރާތްތަކުން އެ ލިޔުން ހިފައިގެން މިނިސްޓްރީ އަށް އަންނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ބަޔަކަށް ގޯތި ދިން ކަން މިނިސްޓްރީގެ ރިކޯޑް ތަކުން ފެންނަން ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުން ލިޔުން ލިބުނު މީހުން ކުރިއަށް އޮތް ހަފުތާ ތެރޭގައި އެލިޔުން މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި އެފަރާތްތަކަށް ވެސް ގޮތްތަކެއް މި ސަރުކާރުން ހަމަޖައްސާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އިއުލާންކުރަނީ، އެފަދަ ފަރާތްތަކުން ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފުތާ ތެރޭގައި ހުށަހަޅުއްވާ, ދެން އޭގެ ސައްހަކަމަށް ބަލާ އެބޭފުޅުންނަށް ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އަކްރަމް ވިދާޅުވިއެވެ.

ވިނަރެސް ފުލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން އަކްރަމް އިތުރަށް ވިދާޅުވީ ގުޅިފަޅުން ފުލެޓު ލިބިފައިވާ މީހުންނާއި ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް ވިނަރެސް އިން ފުލެޓު ހޯދުމުގެ ފުރުސަތު މި ސަރުކާރު ފަހިކޮށްދީފައިވާނެ ކަމަށާއި ގުޅިފަޅުން ފުލެޓު ލިބުނު މީހުންނާ މެދު ކުރީ ސަރުކާރުން ނާއިންސާފުން ކަންތައް ކޮށްފައިވާ ކަމަށެވެ.

"އޭރު ގުޅީފަޅުން 184 ފަރާތަކުން އެތަނުން ފުލެޓު ގަތުމަށް ފައިސާ ދައްކާފައިވޭ. 2017 ވަނަ އަހަރު ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ގުޅިފަޅުން ބޭރުކުރި މީހުންނަށް ވިނަރެސް އިން 18 ފުލެޓު ހަވަލުކުރި،"
އަކްރަމް

އަކްރަމް ވިދާޅުވީ ގުޅިފަޅުން އޭރު ފުލެޓުތައް ދިން އުސޫލާއި ހަމަތައް އެނގިފައިނުވާ ކަމަށާއި ކުރިން ގުޅިފަޅުން ފްލެޓު ވިއްކަން ހުޅުވާލި ފުރުސަތުގައި 158 މީހުން 184 ފްލެޓު ގަންނަން ފައިސާ ދައްކަން ފެށި ކަމަށެވެ. ނަމަވެސް ފްލެޓު ލިބިފައިނުވާ ބާކީ ތިބި މީހުންނަށް މި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުގެ ފްލެޓަށް ފައިސާ ދެއްކުމަށްފަހުވެސް، ފުލެޓު ނުލިބި ތިބި މީހުންނަށް ގޮތެއް ހޯދައިދިނުމަށް މި ސަރުކާރުން އާބަންކޯއާއެކު މަސައްކަތްތަކެއްކޮށް ވިނަރެސް ފްލެޓު ފުރިހަމަ ތަނެއްގެ ގޮތުގައި ނިންމާލެވިއްޖެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުންނަށް ތަޅުދަނޑި ހަވާލުނުކޮށް ހޭދަވި މުއްދަތުގައި ކޮންމެ މަހަކު 12،000 ރުފިޔާގެ މަގުން ސަރުކާރުން ބަދަލު ހަމަޖައްސައިދީފައިވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.