ދިވެހިންގެ މިނިވަންކަން ދޫކޮށް އަޅުވެތިކަމަށް ދޫކޮށްލާފައިވާ ހާލަތުގައި ދެވޭނެ އާމާން ރާއްޖެއެއް ނެތްކަމުގައި ކުރީގެ ބަންޑާރަނައިބް ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭންގައި މުއިއްޒުގެ ކެމްޕޭނާއި ގުޅިވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން މުނައްވަރު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނީ މިހާރު އޮތް އަޅުވެތިކަމުން ސަލާމަތް ވެގެން ކަމަށެވެ. ރާއްޖޭގެ ކަނޑުން ބޮޑުބައެއް ވިއްކާލައި، ބޭރުގެ ސިފައިންނަށް ރާއްޖޭގެ އުތުރާއި ދެކުނުން ޖާގަދީ މިނިވަންކަން ނަގާލާފައިވާ މިދަނޑިވަޅުގައި ދައްކަންވީ، އަދި ހުށަހަޅަންވީ ވައުދަކީ މިނިވަންކަމުން މިނިޖުވާނެ ގޮތެއް ހޯދަންކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މުއިއްޒުއަށް ތާއީދު ކުރީ ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދަން މަސައްކަތްކޮށް ދިވެހިންގެ ފަސްގަނޑު ދިވެހިންގެ މާކަނޑު ދިވެހިންނަށް ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށެވެ.

އަޅުވެެތި ކަމަކަށް ގެންގޮސް ގެން އުފާވެރި ކަމެއްވެސް އަމާންކަމެއްވެސް ނުލިބޭނެކަން ފާހަގަކުރައްވައި ޑރ މުނައްވަރު ވިދާޅުވީ މިއީ ވަރަށް ބޮޑު އޮޅުވާލުމެއްކަމަށެވެ. އަދި މުނައްވަރު ޕީއެންސީގެ ރިޔާސީކެންޑިޑޭޓްގެ ފަހަތުގައި އެހުންނެވީ ޑރ މުއިއްޒް އެ ގެއްލުނުބައި ހޯދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

މުނައްވަރު ވިދާޅުވީ ދިވެހިންނަކީ ވަރަށް ވަރުގަދަ ގައުމީ ލެޔެއް ހިނގާ ބައެއް ކަމަށާއި މިނިވަން ކަމަށް ވަރަށް ލޯބިކުރާ ބައެއް ކަމަށެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި މިހާ ދުވަހު ރާއްޖެ މި އޮތީ ގައުމީ ލޭ ނާރުތަކުގައި ހިނގާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ސަރުކާރަށް ގޮވާލައްވަނީ މަސްއޫލިއްޔަތު އަދާކޮށް ރާއްޖޭގެ ސަރަހައްދު ގާނޫނުން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ދަހަމައްޓައި ދިނުމަށް ކަމަށެވެ. މިހާރު ކަނޑުގެ ސަރަހައްދު ވިއްކާލާފައި އޮތީ އިހުމާލުން ކަމަށް ގަބޫލްކުރެވޭކަށް ނެތް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މިން ކަނޑައެޅިފައި ނެތޭ ސަރުކާރުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުތަކުން މިން އޮތީ ކަނޑައެޅިފައި ކަމަށް ވިދާޅުވިއެވެ.

ދިވެހިން ތިބީ ރާއްޖޭގެ ކަނޑުން ބައެއް ރައީސް ސޯލިހާއި ސަރުކާރުން ދޫކޮށްލީމަ އެކަމަށް ރުހިގެން ނޫން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ކަނޑުން ދޫކޮށްލި ބައި ނުހޯދޭނަމަ، ރައީސް ގެއަށް ވަޑައިގަތުމަށް މީގެ ކުރިންވެސް ޑރ.މުނައްވަރު ވަނީ އެދިފައެވެ.