އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީ ހިމެނޭ ކޯލިޝަނުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބަޔާއިއެކު މުޅިން ތަފާތު އިވެންޓެއް މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެ ޕާޓިން ބުނީ މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައި ބާއްވާ މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށެވެ.

މީގެއިތުރުން ކަންމަތީ ބައްދަލުވުންތަކާއި، ހަރުގެ ބައްދަލުވުންތަކާއި، ކެމްޕޭން އަދިޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީއަކީ އެމްޑީޕީކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން މާދަމާ ރޭ ބާއްވާ މި ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސް ސާލިހް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.