ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްގީކޮށް މިލަންދޫ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނެސް ދެއްވާނެކަމުގެ އުފާވެރިހަބަރު މިލަންދޫ އަދި ށ.އަތޮޅުގެ ރައްޔިތުންނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ށ.އަތޮޅަށް ޑރ. މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހަވީރު ށ.މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް މުއިއްޒުއަށް ދަންނަވާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ބަނދަރުން މުއިއްޒުއަށް ރަތްދޫލައިގައި މަރުހަބާ ކިޔުމަށްފަހު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ފައްޓަވަމުންވެސް މުއިއްޒު ދެއްވި ޔަގީންކަމަކީ މިލަންދޫގައި އެއާޕޯޓެއް އަޅާދެއްވާނެ ކަމުގެ އުފާވެރި ހަބަރެވެ.

މިލަންދޫގައި އެއާޕޯޓް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އެކަން އިރާދަ ކުރެެއްވިއްޔާ ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އެރަށާ ކައިރީގައިވެސް ރިސޯޓު ހަދާނެ ރަށެެއް ނެތް ކަމަށްވިޔަސް، މިލަންދޫ ކަރީގައި ހުރި ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް އިސްކަން ދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިލަންދޫ ސިއްހީ ހާލަތު ރަނގަޅު ކުރުމާއި، މަގު ހެދުމާއި މިނޫންވެސް ރައްޔިތުންނާއި ގުޅުންހުރި އަސާސީ އެތައްހިދުމަތެއް ފުރިހަމަކޮށް ދެއްވާނެކަމަށް މުއިއްޒުވަނީ ވައުދުވެ ވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ އެއްރަށެއްގައި ނުފުއްދޭވަރުގެ ވައުދެއް ނުވާނެކަމަށެވެ.

މިޖަލްސާގައިވެސް މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ އާންމު މެމްބަރުންނަށް ދެއްވާފައެވެ. އެގޮތުން ވެރިކަން ލިބި މަޤާމާއި ހަވާލުވުމަށްފަހު ޤާނޫނި އިމުގެ ތެރެއިން ކުރައްވާނެ ފުރަތަމަ ކަމަކީވެސް ރައީސް ޔާމީން މިނިވަން ކުރުންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.