މާލެ ސަރަހައްދުގައި ޕާކު ކުރުމަށް ސަރުކާރުން ގެންގުޅޭ އުސޫލުގެ ސަބަބުން ވެފައިވާ ޖޫރިމަނާތަކަށް މާފުދެއްވައި، ކާރު ޕާކިން ނިޒާމުގައި އޮތް ގަރާޖު ސިޓގެ އުސޫލު ނައްތާލައި ވެރިކަމާ ހަވާލުވެ މާލޭގެ ޕާކިންއަށް ދާއިމީ ހައްލު ގެނެސް ދެއްވާނެކަމަށް އިދިކޮޅު ކޯލިޝން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގައި ޕާކް ކުރާނެ ތަނެއް ނުދައްކައި ޖޫރިމާނެ ނުކުރާނެ ކަމުގެ ވައުދަކީ މިސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް ވެރިކަމާ ހަވާލުވެ ޕާކު ކުރާނެ ތަނެއް ނުދައްކައި، އެތައް ބަޔަކު ޖޫރިމަނާކޮށް ދަރާފައިވާކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.

މިކަންކޮށްފައިވަނީ އެއްވެސް ގޮތަކަށް އިންސާފުން ކަމަށް ގަބޫލު ނުކުރާކަން ޙާމަކުރައްވައި މުއިއްޒު ވިދާޅުވީ އެތައް ޒުވާނުނެއް މިހާރުވެސް ޖޫރިމާތައް ގިނަވެ ފައިސާ ދައްކާނެ ގޮތެއް އުޅޭއިރު، މިގޮތަށް އެއްވެސް އިންސާފެއް ނެތި ކޮށްފައިވާ ޖޫރިމަނާތަކަށް މައާފް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިއީ އެއްވެސް އިންސާފެއް އަދުލުވެރި ކަމެއްނެތި ކޮށްފައިވާ ކަމެއް، އެހެން ވީމާ އަޅުގަނޑު މިގޮތަށް ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މައާފް ކޮށްދޭނަން،" ޑރ.މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބޭ އެއްކަމަށް ޖޫރިމަނާ ފައިސާ ހަދާފައިވަކަމީ ހިތާމަ ކުރަންޖެހޭ ކަމެއްކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޖޫރިމަނާ ކުރާއިރު ވީ ވައުދާ އެއްގޮތަށް، އިންސާފުވެރިކަމާއެކު ޕާކް ކުރެވޭނެ ޖާގަ ދެއްކުމަށްފަހު އެކަން ކުރިނަމަ އެއީ ބަޔަކަށް އެއްވެސް މައްސަލައެއް ޖެއްސެން އޮންނާނެ ކަމެއް ނޫންކަމަށްވެސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ހަމަ މިގޮތަށް މާލެ ސަރަހައްދުގައި ކާރުތައް ޕާކް ކުރުމަށް މިހާރު ސަރުކާރުން ގެންގުޅޭ އުސޫލަކީ ވަރަށް ދޯހަޅި ގޮތެއްކަން ފާހަގަކޮށް މުއިއްޒު ވަނީ މިއުސޫލަށް ބަދަލު ގެނެސް ގަރާޖު ސިޓީއަށް ސަލާން ޖަހަންޖެހޭ ޖެހުން އެއްކޮށް ނައްތާލައި މާލޭގެ ޕާކިންއަށް ދާއިމީ ހައްލު ގެނެސް ދެއްވާނެކަމަށްވެސް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.