އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެލައްވާ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެލެއްވުމާއެކު، ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒުގެ މަންމަ ހުސްނާ އާދަމް އިސްމާއީލް އެދިވަޑައިގެންނެވިއެވެ.

މުއިއްޒުގެ މަންމަ ހުސްނާ އާދަމް އިސްމާއިލް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު ނ. ހޮޅުދޫއަށް ވަޑައިގެންނެވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަވިއުގައި، ބަހާ އަމަލާ ދިމާވާ ބޭފުޅެއްތޯ ކޮށްލި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރިޔާސީ ކެމްޕޭނަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު ނ. ހޮޅުދޫއަށް ވަޑައިގެންނެވުމުން ހުސްނާވެސް ވަނީ މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ. އެއަށްފަހު ފަހުން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ހުސްނާ ވިދާޅުވީ، މުއިއްޒު ވާދަކުރައްވާތީ ވަރަށް އުފާވާ ކަމަށެވެ.

ހުސްނާ ވިދާޅުވީ، އުންމީދަކީ އެއްބުރުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުން ކަމަށެވެ. އަދި މި އިންތިހާބު މުއިއްޒު ކާމިޔާބު ކުުރައްވާނެކަން ޔަގީންކަމަށްވެސް ހުސްނާ ވިދާޅުވިއެވެ.

"އެ ހަމަ ތެދެއް (ވައުދު ފުއްވާނެ). ކޮށްދެއްވާނެ ހަމަ. އެ ވާ ވައުދުތަކަކީ ފުއްދޭނެ ވައުދުތައް،"
މުއިއްޒުގެ މަންމަ، ހުސްނާ

މަންމައެއްގެ ހައިސިއްޔަތުން މުއިއްޒާމެދު އެންމެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވަމުން ހުސްނާ އެދިވަޑައިގެންނެވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިތުން ނުކުމެ މުއިއްޒަށް ވޯޓުލައި މުއިއްޒު ހޮއްވަވައިދިނުމަށެވެ.

"ވަރަށް ވަރަށް ރަނގަޅު ކުއްޖެ އެއީ، ހުރިހާ ރައްޔިތުން ވެގެން ހަމަ ވޯޓު ދެއްވާށޭ މުއިއްޒަށް، ހޮއްވަވައިދެއްވާށޭ،"
މުއިއްޒުގެ މަންމަ، ހުސްނާ

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ. މިދަތުރުފުޅުތަކުގައި މުއިއްޒު އިއްޔެ ވަޑައިގަންނަވާފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށް ފަހު ށ. ކަނޑިތީމު، ފޭދޫ، މިލަންދޫ، ކޮމަންޑޫ، ފޯކައިދޫ އަދި ފުނަދޫއަށް ވަޑައިގެންނެވިއެވެ. އެރޭގެ ޖަލްސާ އޮތީ ފުނަދޫގައެވެ.

ށ. އަތޮޅު ނިންމަވާލެއްވުމަށްފަހު ނ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވީ މިއަދުއެވެ. އެގޮތުން އެ ދުވަހު ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށެވެ. މިރޭގެ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

މާދަމާ ނ. މަނަފަރަށް ވަޑައިގެންނެވުމަށްފަހު ދަތުރު ނިންމަވައިލެއްވުމަށްފަހު މުއިއްޒު މާލެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަައެވެ.

ކެމްޕޭނަށް މިކުރައްވާ ދަތުރުފުޅުގައި މުއިއްޒުގެ އަރިހުގައި އަނބިކަނބަލުންވެސް ދަނީ ބައިވެރިވެވަޑައިގަންނަމުންނެވެ.