އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ބަދަލުކުރުން ފާހަގަކުރުމުގެ ގޮތުން އުތުުރުގެ ފަސް ރަށެއްގައި އެމްއެންޑީއެފުން ބޭއްވުމަށް ނިންމި ސިފައިންގެ މިލިޓަރީ ޕެރޭޑް އިއްޔެ ހަވީރު ހދ.ހަނިމާދޫގައި ބާއްވައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ ހދ.ހަނިމާދޫގައި ކުރިއަށް ގެންދިޔަ ޕެރޭޑް ފަށްޓަވައިދެއްވީ ކާނަލް މުހައްމަދު ސަލީމެވެ.

މީގެއިތުރުން މި ޕެރޭޑުގައި ހަނިމާދޫ ސްކޫލުގެ ކެޑޭޓުން ވެސް ބައިވެރިފައިވާ ކަމަށާއި އަދި ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ

އަދި ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުން ދިޔައިރު އެރަށުގެ ރައްޔިތުންނާއި ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބު ދީފައިވާކަމަށާ މީގެ އިތުރުން އެޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިންގެ މިލިޓަރީ ޕެރޭޑް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހަތަރު ރަށެއްގައި ބާއްވާން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނިއެވެ.އެގޮތުން މި ޕެރޭޑް މިއަދު އޮންނާނީ، ހދ.ކުޅުދުއްފުށީގައެވެ. އަދި 27 ވަނަ ދުވަހު ޕެެރޭޑް ބާއްވަން ހަމަޖެހިފައިވަނީ ހއ.ދިއްދޫގައެވެ. މީގެ އިތުރުން، މި މަހުގެ 28 ވަނަ ދުވަހުގެ ޕެެރޭޑް ހއ.އިހަވަންދޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހު ހދ.ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ ރަށްތަކެއްގައި ވެސް ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.