ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް އެވޯޑްއެއް ދީފިއެވެ.

ރޭގައި ބޭއްވި ހަފްލާގައި އެވޯޑް ދެއްވާފައިވަނީ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

ބީއެމްއެލުން ބުނީ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އެވޯޑްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަ ސާވިސް ސްޓަ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނޭ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެގޮތުން އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައި ވަނީ (ހެޑް އޮފް ކަސްޓަމަ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް) ހުޒާތު އަލީ އެވެ.އަދި މާކެޓިން ޓީމާއި ބަދުރުއްދީން ހަސަން (ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް) ވަނީ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދާފައެވެ.

ބީއެމްއެލް އެވޯޑް ހަފްލާގެ ތެރެއިން/ ފޮޓޯ:ބީއެމްއެލް

މީގެއިތުރުން (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް) ފާތިމަތު ހަލީމް ވަނީ ބެސްޓް ލީޑާ އެވޯޑް ހޯދާފައެވެ.އަދި މުހައްމަދު ޝާއިގް އަހުމަދު (ކަސްޓަމަ ސާވިސް މެނޭޖަރު) ވަނީ ބޭސްޓް މެނޭޖަ އެވޯޑް ހޯދާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ސްޓުމްކަ ވިދާޅުވީ ބީއެމްއެލްއިން ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ، ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތްކުރުމަށާއި، ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މިވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފައިކަމަށެވެ.

އަދި އެކުންފުނިން އަހުމިއްޔަތުކަމެއްދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުން ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ،ދިވެހިން އެންމެ ގިނައިން މަސައްކަތް ކުރާ ކުންފުންޏެވެ.