އޮޅުވާލައިގެން، 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިގޮތަށް، އެމަކަރު ހަދަން މިފަހަރުގެ އިންތިހާބުގައި ޖާގަ ނުދޭނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ. ޑރ މުއިއްޒު ތިނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުން އޮޅުވާލައި މަކަރާއި ހީލަތް ހެދިކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށާއި އެއީ ދިވެހިން ގަބޫލު ކުރާ ހަގީގަތެއް ކަަމަށެވެ. އެކަމުގައި އޭރު އެންމެ ބޮޑު ދައުރެެއް އަދާކުރީ އިލެކްޝަނަސް ކޮމިޝަނުންކަމަށް ހާމަކުރައްވައި، މިފަހަރުގެ އިންތިހާބުގައި އެކުޅިވަރު ކުޅެން ނޫޅުމަށް ޝުޖާ ވަނީ ގޮވާލާފައެވެ.

"އަޅުގަނޑުމެންގެ ކޮމާންޑް ސެންޓަރުކަމަށް މައުލޫމާތު ލިބޭ ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓްރީ ނުކޮށް ވޯޓު އަޅަން އުޅޭ ވާހަކަ. ހާއްސަކޮށް އިންޑިއާގައި ބަހައްޓާ ވޯޓުފޮށި ތަކަށް. މިކަން ކުރަން ނޫޅޭތި. އަޅުގަނޑުމެން މިތިބީ ވަރަށް ފާރަވެރިވެ ބަލަން. އެފުރުސަތެއް އަޅުގަނޑުމެން މިފަހަރަކު ނުދޭނަން،"
ޝުޖާ

ރިޔާސީ ކެމްޕޭނަށް ޑރ.މުއިއްޒަށް ލިބިވަޑައިގެންނެވީ އެންމެ 28 ދުުވަސްކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ މިސަރުކާރުން މިވީ ފަސް އަހަރު ކެމްޕޭން ކުރަމުން ދާއިރު، ޑރ މުއިއްޒު ވަޑައިގެންނެވި ރަށްތަކުންނާއި މުޅި ރާއްޖެއިން އެއް އަޑަކުން ގޮވަމުން ދަނީ މިސަރުކާރު ބަދަލުކޮށް ޑރ.މުއިއްޒު އިންތިހާބުކުރުމަށް ކަމަށެވެ.

މިފަސް އަހަރުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް ކަމަށާއު ރައީސް ޔާމީނަށް އިންސާނިއްޔަތު ކަމެއްނެތި ދެމުންދާ އަނިޔާތަކާއި ދެކޮޅަށް މަގުމަތީގައި ފަސް އަހަރު ތިބި ޕީޕީއެމް، ޕީއެންސީގެ އާންމު މެމްބަރުންގެ ހިތްދަތިކަމާއި މާޔޫސްކަމަށް އަންނަ މަހުގެ ނުވަވަނަ ދުވަހު ނިމުން ގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.

ޝުޖާ ވިދާޅުވީ ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ހެޔޮވެރިކަމެއް ކުރައްވަން ކަމަށެވެ. އަދި މިކުރި ދަތުރުތަކުން މިފަސް އަހަރު ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ރައްޔިތުންގެ މާޔޫސްކަމާއި ހިތްދަތިކަން ސާފުވެފައި ވާކަމަށްވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.