ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނުކުމެ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ނަމަވެސް އެ މަނިކުފާނު ފެންނަން ހުރީ އެހެން ސިފައެއްގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތ. ހިރިލަންދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ހިރިލަންދުއަށް ވަޑައިގަތުމުން ރައްޔިތުން އެދުނީ ރަށުގެ ބިން އިތުރުކޮށް ދިނުމަށްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ޔާމީން އެންގެވީ ފުއްޓަރު ފަރާތުގެ ރާޅު ބޮޑުކަމުން އެކަން ނުކުރެވޭނެ ކަމަށެވެ. ޔާމީނަށް އޭރު އެ ލަފާ ދެއްވަން ހުރީ މިއަދު ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވި އެ މަނިކުފާނުގެ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތަކީ ނުވާނެ ކަންތައް ކަމަށް ދެންވެސް ވިދާޅުވަމުން ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ފެންނާނީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ފެނުނު ބިރުވެރި މަންޒަރުތައް ކަމަށް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުންނާއެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރީ އެގޮތުގައިކަމަށެވެ.