ފޮރިން އިންވެސްޓަރުންގެ ޑޮލަރު ރާއްޖޭގައި ވަކި މުއްދަތަކަށް ބަހައްޓަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރާނެކަމަށާއި ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލައްވާނެކަމަށް އިދިކޮޅު ކޯލިޝަން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ތިނަދޫއަށް ރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ޑޮލަރު ނެގޭ ލިމިޓެއް ބޭންކްތަކުން ކަނޑައަޅާފައި އޮތުމަކީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ޝަކުވާ ލިބޭ މައްސަލައެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ، އެ މައްސަލައަށް ހައްލެއް ހޯދައިދެއްވައި، ޑޮލަރު ލިމިޓް އުވާލާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ދައުރުވާ އަދަދު އިތުރުކުރާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު މުއިއްޒު ވައުުދުވެވަޑައިގެންނެވީ، ރާއްޖޭގައި ޑޮލަރުގެ ރޭޓު ދަށްކޮށް، ފޮރިން އެކްސްޗޭންޖު ހަރުދަނާ ކޮށްދެއްވާނެކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މައި އިގްތިސާދަކީ ޓޫރިޒަމް ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް ވަރަށް ގިނަ އަދަދެއްގެ ފޮރިން އިންވެސްޓަރުން ވަނީ އިންވެސްޓުކޮށްފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންނަމަވެސް ރާއްޖޭގައި އެ ފަރާތްތަކުގެ ޑޮލަރު އެކަށީގެންވާ ވަރަކަށް ހިފެހެއްޓިފައެއް ނުހުރޭ. އެހެންވީމާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް އެ ފަރާތްތަކުގެ ޑޮލަރު، ބޭރު ފައިސާ ރާއްޖޭގެ އެކަށީގެންވާ ވަރަކަށް ދައުރުކުރެވިފަ، ވަކި ވަރަކަށް ހިފެހެއްޓިފަ ދެން ބަލްކުކޮށް ބޭރަށްދާ ގޮތަށް ބަދަލުވާން އެބަޖެހޭ،"
މުއިއްޒު

"މި މާލީ ނިޒާމަށް ލުޔެއް އަންނަން އޮތީ. ޑޮލަރުގެ އަގު ތިރިކުރެވެން އޮތީ، އެހެންވީމާ އެގޮތަށް ބަދަލުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުން، އިންވެސްޓަރުންގެ ޑޮލަރު ވަކި އަދަދަކަށް، ވަކި ވަގުތަކަށް ދައުރުވެފަ ބޭރުވާނެ ގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން"
މުއިއްޒު

މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލް ކުރުމަށްފަހު ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށެެވެ. ޑޮލަރުގެ ލިމިޓް އެއްފަހަރާ ނައްތައި ނުލެވޭނެކަން ފާހަގަކުރައްވައި ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ގޮސް، އެ ލިމިޓް ދެ ގުނަ މަތިކުރާނީ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެއްފަހަރަކާ ޑޮލަރުގެ ލިމިޓް ބަދަލުކޮށްފިނަމަ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރުން ގާތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއިރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، ދިރިއުޅޭ ފަރާތްތަކަށް ޑޮލަރު ލިބުމުގައި ލުއިކަން ލިބިގެންދާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މިހާރު ކަނޑައަޅައިފައިވާ ޑޮލަރު ލިމިޓް، އުވާލައި ދެ ގުނަ ކުރާނެކަމަށެވެ.