55 އަހަރާއި 65 އަހަރު ދެމެދު އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފްކުރައްވާނެކަމަށް އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުުދު ވެވަޑައިގެންފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ވަޒީފާއާ ގުޅޭ ގާނޫނާއި އުސޫލުތައް ހުރި ގޮތުން އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާ ކުރަންޖެހޭ ކަމަށެވެ. އެކަމަކު އެ މީހުން ރިޓަޔާ ވެގެން 65 އަހަރު ނުވަނީސް ލިބޭ އެލަވަންސެއް ނޯންނާތީ އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ. އަދި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އޭނާގެ ވެރިކަމެއް އުމުރުން 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް އެލަވަންސެއް ތައާރަފްކުރައްވާނެ ކަމަށެވެ.

މުއިއްޒު ވަނީ ރިޔާސީ އިންތިހާބަށް ބާކީ ތޭރަ ދުވަހަށް ވެފައިވާތީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެއްފަރާތްކޮށް ކެމްޕޭނަށް ނުކުތުމަށް އެދިވަޑައިގެންފައެވެ. ކެމްޕޭންގައި ބައިވެރިވެގެން ވަޒީފާ ގެއްލުވާލައިފިނަމަ އެއަށް ވުރެ ރަނގަޅު ވަޒީފާ ހޯދައިދޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.

"ކުރިއަށް އޮތް ތޭރަ ދުވަހަކީ ތިބޭފުޅުން ބާރު ސްޕީޑުގައި މަގުމަތީގައި ކެމްޕޭނުގައި އުޅޭ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާދޭންވީ. ވަޒީފާއިން ކަނޑާލާނެ ކަމަށް ބިރުގަންނާނެ ކަމެއްނެތް. އަޅުގަނޑުމެން އަނބުރާ ވަޒީފާ ދޭނަން،. އަޅުގަނޑުމެން ވެރިކަމަށް މި އަންނަނީ، އައިސް ތިބޭފުޅުންގެ ތި ވަޒީފާތައް ޔަގީންކަމާ އެކީ ދަމަހައްޓާ ދޭނަން އަދި މިއަށްވުރެވެސް ރަނގަޅު ކޮށްދޭނަން،"
މުއިއްޒު

މުއިއްޒު ވިދާޅުވީ މިހާރު އޮތް ގޮތާ ހިލާފަށް "ޕޭޕާލެސް" ސަރުކާރެއް ހިންގާނެ ކަމަށެވެ. އަދި އެ ސަރުކާރުގައި ކޮންމެ ތާކު ތިބިގެންވެސް ބާރު ދުވެލީގައި ހިންގޭ ސަރުކާރަކަށް، ސަރުކާރު ބަދަލުކުރާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.