އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ދިއުމަކީ، އެޕާޓީއަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ސިޔާމް ވިދާޅުވީ އެމްޑީޕީއަށް މާޒީގައި ކުރިމަތިވި ފާޑުކިޔުންތަކާއި މީހުންގެ ނުރުހުން މިއަދު ވަނީ އެއްކޮށް ނެތިގޮސްފައިކަމަށެވެ. މީގެ ކުރިން، ފާޑުކިޔުންތަކާއި މީހުންގެ ނުރުހުން މާޒީގައި ކުރިމަތިވީ، އޭރު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ގެންގުޅުނު އިސްލާމް ދީނާ ދުރު ދިވެހިންނާއި ދުރު ސިޔާސަތުތަކުގެ ސަބަބުންކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ދިއުމަކީ ނަސީބުކަމަށާއި އެއީ މާތްރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުކުރަން ޖެހެ ކަމެއްކަމަށެވެ. މީގެ ކުރިން އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުން އެއީ އާންމުކަމެއްކަމަށާއި މިއަދު އެމްޑީޕީގައި ތިއްބެވި ލީޑަރުންގެ ފަރާތްޕުޅުން ފެންނަނީ އެއާ މުޅިން ތަފާތު އެއާ މުޅީން ހިލާފު ރީތިސިފަތަކެއްކަމަށެވެ.

ސިޔާމް ވިދާޅުވީ އެ ގައުމީ މަސައްކަތުގައި ފެޔަށް ޖެހި ގައުމަށް ދެރަ ގޮތެއްވުމަކީ އެއްގޮތަކަށް ވެސް ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ. އެއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހާއެކު މަސައްކަތްޕުޅު ކުރައްވާ ސަބަބުކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ އިގްތިޞާދު ދެގުނަކޮށް އުފާވެރި އަމާން ރާއްޖެއެއް ބިނާކުރުމަކީ މި ވަގުތު ކުރަން އޮތް މަސައްކަތްކަމަށެވެ. އަދި މިހާތަނަށް ސިޔާމަށް ފެނިވަޑައިގެން އެންމެ ހިކުމަތްތެރި ލީޑަރަކީ ރައީސް ސާލިހު ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ހާސިލު ކުރެވޭނީ އެ ކަމެއް ކުރުމުގެ ޝައުގާއެކުކަމަށާއި ރައީސުންނާއި މަޖިލިސް މެމްބަރުންނާއި، ކައުންސިލްތަކުގެ ވެރިން ވެސް މަސައްކަތް ކުރަން ވާނީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ކަމަށެވެ.