ދެހާސް އަށާވީސް ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އަރަނި ބަޖެޓެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތ ގާދިއްފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށާއި އެގޮތުން އިގުތިސާދަށް ގެންނަ ބޮޑު ބަދަލާއެކު ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"2028 ވަނަ އަހަރު އަންނަ އިރުގައި ރާއްޖޭގެ އިގުތިސާދު 170 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ. އަދި ނަތީޖާއަކަށް ވެގެންދަނީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި، 50 ބިލިއަނާ ހަމައަށް އަމާޒު ހިފުން. އަދި އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް، އަރަނި ބަޖެޓަކަށް ހެދުން،"
ރައީސް ސާލިހު

ރާއްޖޭގެ އިގުތިސާދު ދެގުނަ ކުރުމަށްޓަކައި އުމްރާނީ ތަރައްގީ ގެންނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓުތަކާއި އާރުޓީއެލް ފެރީގެ ނިޒާމުން ރާއްޖެ ގުޅުވައިލުމާއެކު ވަޒީފާ އިތުރުވެ، ދައުލަތަށް ވަންނަ ފައިސާ ވެސް އިތުރުވެގެންދާ ކަމަށެވެ.

ރައީސް ސާލިހު ތ ގާދިއްފުށީގައި

ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ގާދިއްފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ.

  • ގާދިއްފުށި ކައިރީގައި ވަރުވާއަށް ދޫކޮށްފައި އޮތް ރަށެއް ކަމަށްވާ އުސްފުށި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށް ދިނުން
  • ބިން އިތުރުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • ސިއްހީ މަރުކަޒު އެކްސްޓެންޝަން ބިލްޑިންއެއް އަޅައިދިނުން
  • ވޮލީ ކޯޓަކާއި އައުޓްޑޯ ޖިމެއް ހަދައިދިނުން