ލ. ގަން، ފަންސަވީސް ހާސް މީހުންގެ އާބާދީގެ އާބަން ސެންޓަރަކަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް ސާލިހު މިފަދައިން ވައުދުވެވަޑައިގެންނެވީ، ރިޔާސީ ކެމްޕޭންއަށް ގަމަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލ. އަތޮޅަކީ ވަރަށް ބޭނުންތެރި އަދި އެތަކެއް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވެން އޮތް ތަނެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ސަރަހައްދު ތަފާތުކޮށް ތަަރައްގީ ކުރަން މި ދައުރުގައި ވެސް ޕްލޭންތަކެއް ހެދި ކަމަށާއި ގަމާއި ފޮނަދޫ އެއްކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ގަމުގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމާއި މާލޭގައި އަޅަން އޮތް ކެންސަރު ހޮސްޕިޓަލު ގަމަށް ބަދަލުކުރުމާއި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއެކު ވިސްނުމަކަށް ވެފައިވާ އޮތީ އެ ސަރަހައްދަކީ އާބަން ސެންޓަރަކަށް ބަދަލުކުރުންކަމަށް ވިޔަސް ކޮވިޑް-19 އާ ހެދިކަންތައްތައް ލަސްވި އެޕްލޭންތަކަށް ބަދަލުތަކެއް ގެންނަވަން ޖެހުނީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކަންތައްތައް އެހެންދިމާވިޔަސް އަދިވެސް އަމާޒަކީ ލ ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވޮލޮޕްކުރުން ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ބޭނުންވާ ވަސީލަތްތައް މި ތަނުގައި ގާއިމު ކުރައްވާނެކަމަށާއި އަމާޒަކީ ގަން ދިހަ އަހަރު ދުވަހުގެ ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރެއްވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ހައުސިންއާއި ސިއްހީ ހިދުމަތާއި ތައުލީމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ ޕްލޭނެއް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 25،000 މީހުންގެ އާބާދީއެއް އެތަނުގައި ޕްލޭން ކުރާއިރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެހެން ނަމަވެސް މަޖުބޫރުން މީހުން އެތަނަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް މީހުން ޝައުގުވެރިވާނެ ކަންކަން އެ ތަނުގައި ތަރައްގީ ކުރުމުގެ ޕްލޭން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"މާލެއަށް މީހުން އެ ދަނީ ކީއްވެގެންތޯ؟ އެއް ކަމަކީ ވަޒީފާ. އަނެއްކަމަކީ ތައުލީމު. އަނެއް ކަމަކީ ސިއްހީ ހިދުމަތް ލިބެން ހުރުން. މި ކަންތައްތައް ފުރިހަމަވީމަ މީހުން ދިރިއުޅެން އަންނާނެ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އާބަން ސެންޓަރެއް ގާއިމުކުރަންޏާ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ފޭސްގައި އަންނަ އަހަރު އަމާޒަކީ ގަމުގައި 1،000 ހައުސިން ޔުނިޓް އަޅައި ދިނުން ކަމަށެވެ. އަދި މުޅި އަމާޒަކީ 5،000 ހައުސިން ޔުނިޓް ކަމަށާއި އެއީ އެ ރަށަށް ހިޖުރަ ކުރާ މިހުންނަށް ވެސް އަމާޒުކޮށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް އެވަނީ ޓެންޑާކޮށް ބަޔަކު ހަވާލުކޮށް އަމަލީ މަސައްކަތް ފަށާ ހިސާބުގައި. އެއާއެކު އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަނީ އަޅުގަނޑުމެންގެ ޕްލޭންގައި އޮތްގޮތަށް މި ރަށުގައި ކެންސަރު ހޮސްޕިޓަލު އިރާދަ ކުރއްވިޮއްޔާ އެޅިގެންދާނެ. އެ ޕްލޭންއަަކީ އަޅުގަނޑުމެން ބަދަލެއް ނުގެންނަން.". ރައީސް ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ލ. އަތޮޅުގައި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަށް ހެދުމުގެ ޕްލޭން ނިމި އޮތީ އަމަލީ މަސައްކަތް ފަށާ ހިސާބުގައިކަމަށެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓާއެކު ލ. އަތޮޅު ޓޫރިޒަމްއަށް ފައްކާވެގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.