އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު، އިންތިހާބު ކާމިިޔާބު ކުރެވިއްޖެނަމަ، އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދާ ވާހަކަ މުއިއްޒު ދޮގުކޮށްފިއެވެ.

މުއިއްޒު މިއީ ދޮގުވާހަަކައެއްކަމަށް ވިދާޅުވީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޓުވީޓެއްގައެވެ.

ޓުވީޓުގައި މުއިއްޒު ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއްކަމަށެވެ. އަދި އެފަދަ ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށްވެސް މުއިއްޒުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް."
މުއިއްޒު

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ބައެއް ފަރާތްތަކުން ޑރ މުހައްމަދު މުއިއްޒު ވަނީ މާކުރިއްސުރެ ސިނަމާލެ ބުރިޖު އަޅައި ނިމުމުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ޓޮލް ފީ ނަންގަވާނެ ކަމަށް ވިދާޅުވެފައިކަމަށާއި އޭރު އެކަންތައް މަޑުޖައްސާލާފައި އޮތީ އިންތިހާބެއް ކައިރިވަމުން އަންނާތީ ކަމަށާއި، އަދި ޕީޕީއެމް/ޕީއެންސީގެ ބޭނުމަކީ ރައްޔިތުން ފެލާލުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަށް ރައްދުދެއްވަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ އެއްވެސް ކެމްޕެއިން ޖަލްސާއެއްގައި ޑރ މުއިއްޒު ނުވަތަ އެހެންވެސް އެމަނިކުފާނުގެ ފަރާތުން ބޭފުޅަކު މިފަދަ ވާހަކައެއް ވިދާޅުވެފައިވާކަމެއް ފާހަގަ ކުރެވިފައެއް ނެތެވެ.

ޑރ މުއިއްޒު ދަނީ އެކި އަތޮޅުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކައާއި ކަންތައްތައް ރާވާފައި އޮތްގޮތް ބުނެދެއްވަމުންނެވެ. ރިޔާސީ ކެމްޕެއިނަށް މުއިއްޒު ކުރައްވާ ދަތުރުތަކުގައި ހުވަދުއަތޮޅުގެ ދަތުރުތައް ނުހަނު ކާމިޔާބުކަމާއެ ނިންމާލުމަށްފަހު މިއަދު ރ، ބ، އަދި ޅ އަތޮޅަށް ފުރާވަޑައިގަންނަވާނެއެެވެ.