އިގްތިސާދީ ގޮތުން ރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް ރާއްޖޭގައި ފްރީ ޓްރޭޑް ޕޯޓް ބަނދަރުތަކެއް ހަދަން ޖެހޭ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ކެމްޕެއިން ސްޓޫޑިއޯގައި ރޭ ބޭއްވި ހަފްލާއެއްގައެވެ.
އިންޑިޔާ އަދި ޗައިނާ އަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެ އިގްތިސާދުކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، މި ދެ ގައުމުގެ ކައިރީގައި ރާއްޖެ އޮތުމުގެ ސަބަބުން އެ ގައުމުތަކަށް އަންނަ ތަރައްގީގެ ފައިދާ ރާއްޖެއަށް ނެގިދާނެ ކަމަށެވެ.
ރާއްޖެ އޮތީ ވަރަށް ވަރުގަދަ ސީރޫޓެއްގައިކަން ހާމަކުރައްވައި އުމަރު ވިދާޅުވީ ދުނިޔޭގެ ގާތްގަނޑަކަށް ތިން ބައިކޮށްފައި ދެ ބައި ތެޔޮ އަދި ކޮންޓެއިނަރ އުފުލަނީ މި ރޫޓުން ކަމަށެވެ.
ދުވާލަކު ސާޅީހަކަށް ބޯޓު އުލިގަމު ކައިރިން ހުރަސްކޮށް ދާކަމަށާއި އެހެންކަމުން ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް ރާއްޖޭގައި ފްރީ ޓްރޭޑް ޕޯޓް ބަނދަރުތަކެއްވެސް ހަދަންޖެހޭ ކަމަށާއި އެންމެ މުހިންމު ތަނަކީ އައްޑޫ ސިޓީކަންވެސް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.