އާބަކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ރަށްވެހި ދަނޑުވެރިކަން" ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫއުގެ ދެވަނަ ބުރަށް ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ހުޅުވާލި ފުރުސަތުގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުންކަމަށް އާބަންކޯއިން ބުނިއެވެ.

މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، ފަސް އަހަރުގެ ދުވަހަށް ކުއްޔަށްދެއެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން އާބަންފާރމިންގް ގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ނުވާ ފަރާތްތަކަށެވެ.

އަދި މި މަޝްރޫއުއަކީ ތިން ކެޓަގަރީއަކަށް، ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ހިންގާ މަޝްރޫއުއެއްކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50 ޕަސެންޓު ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25 ޕަސެންޓު ހާއްސަކުރެވިފައިވެއެވެ. އަދި ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށް 25 ފަސެންޓު ހާއްސަކޮށްފައިވެއެވެ.

މީގެ އިތުރުން މި ޔުނިޓްތަކުން ތަފާތު ހިދުމަތްތައް ލިބިގެންދާނެކަމަށެވެ. އެއީ ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ވަސީލަތަކެވެ.

އާބަންކޯ ވެބްސައިޓް މެދުވެރިކޮށް ފޯމް ބައްލަވައިގެން ފޯމް އާއިއެކު 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހު އާބަންކޯ ހެޑްއޮފީހަށް ވަޑައިގެން ފޯމް ހުށަހެޅުމަށް އާބަންކޯއިން އެދިފައިވެއެވެ.