ރ. ފައިނުގައި އެއާޕޯޓެއް ހަދައި، އެ އަތޮޅުގައި މުޅިން އަލަށް 10 ވަރަކަށް ރިސޯޓު ތައާރަފު ކޮށްދެއްވާނެ ކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅުކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި، މިއަދު ރ. އިނގުރައިދުއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ އިގުތިސާދީ ސިޔާސަތަކަށް ވާނީ، ރ އަތޮޅުގައި ގިނަވެގެން ދިހަ ވަރަކަށް ރިސޯޓު އަލަށް ތައާރަފު ކުރުންކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެކަން ކުރާ އިރު އަލިފުށީ އެއާޕޯޓު ނޫން އެއާޕޯޓެއް އެސަރަހައްދުގައި ތަރައްގީވާން ޖެހޭ ކަމަށެވެ.
ފައިނުގައި އެއާޕޯޓެއް ހެދުމަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިސްނެވި ކަމެއްކަމާއި އޭރު އެކަމަށް މަސައްކަތްތަކެއްވެސް ފެށްޓެވިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ފައިނުގައި އެއާޕޯޓެއް އޮތުން ނުހަނު މުހިންމު ކަމަކަށްވާތީ، އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ފައިނުގައި އެއާޕޯޓެއް ހަދަން ނިންމި ނަމަވެސް، މި ސަރުކާރުން ނިންމީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށްކަމަށްވެސް މުއިއްޒު ހާމަކުރެއްވިއެވެ.
އަދި އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރުގައި ކުޑަ އަދަދަކަށް ބިން ހިއްކައިގެން ޖާގަ އިތުރުކޮށް، ދެކޮޅު ޖެހޭގޮތަށް ހިންގޭނެ މަޝްރޫއެއް ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ހުރިހާ ރިސޯޓުތަކާއި އަލަށް ހުޅުވާ ރިސޯޓަކަށް ފަސޭހަވެ، އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެންދާނެކަމަށާއި އެތައް ޒުވާނުންނެއް ބާރުވެރިވެ އެތައް ކަނބަލުންނަކަށްވެސް ފުރުސަތު ފަހިވެގެންދާނެކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ގެދޮރުވެރިކަމަކީ، އެންމެ މުހިއްމު ސިޔާސަތުކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، ބިން ބޮޑުކުރެވެން އޮތް މިންވަރަކުން ލިބޭ އެންމެ ބޮޑު ޖާގައެއް އެ އަތޮޅު ކޮންމެ ރަށަކަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.