ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ކޫއްޑާ އަދި ފެލިވަރުން ވަޒީފާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ސެމްބެ މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރަނިންމޭޓް ޓޯކް ޝޯ"ގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މަސްތުވާތަކެއްޗަކީ މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލަކަން ހާމަކުރައްވައި ސެމްބެ ވިދާޅުވީ ރާއްޖޭގެ ބޯޑާ ނިޒާމު ހަރުދަނާކޮށް، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"މީގައި އަޅުގަނޑުމެންގެ ކޮމިއުނިޓީ ސާވިސްގެ ގޮތުގައި މި ކޫއްޑޫ، ފެލިވަރު މި ތަންތަނުގައި މި ފަރާތްތަކަށް ޕްރޮގްރާމްސް ހިންގައިގެން ވަޒީފާގެ ފުރުސަތު ދީގެން، އިންކަމް ލިބިގެން، މުޖުތަމައު ބަލައިގަންނަ ފެންވަރުގެ ބަޔަކަށް، އެ ފަރާތްތައް ހެދުމުގެ ނިޒާމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާއިމުކޮށްދޭނަން،"
ސެމްބެ

ސެމްބެ ވިދާޅުވީ ގައުމީ މި ބޮޑު މައްސަލަ ހައްލު ކުރުމަށްޓަކައި މަސްތުވާތަކެއްޗާ ގުޅުންހުރި ގާނޫނުތަކުގައި ހުރި ބާގަނޑުތައް ބައްދައި އެ ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމުގެ އިތުރުން ކަމާގުޅޭ މުއައްސަސާތައް ބާރުވެރިކޮށް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ސެމްބެ ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރިހިބިލިޓޭޓް ކުރުމަށް، ދެކުނާއި އުތުރު އަދި މާލޭ ސިޓީގައި ބައިނަލްއަގުވާމީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރު ނުވަތަ ކުލިނިކުތައް ހަދާނެ ކަމަށް ސެމްބެ ވަނީ ވިދާޅުވިއެވެ.

އަދި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކުރާ ޒުވާނުންނަށް ކޫއްޑާ އަދި ފެލިވަރުން ވަޒީފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމާފައިވާކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.

ޑރ.މުއިއްޒު ކެމްޕެއިން ދަތުރުފުޅުތަކުގައި އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަމުން ގެންދަވާއިރު، ސެމްބެގެންދަވަނީ މާލެއާއި ހުޅުމާލޭގައި ތާއީދު އިތުރުކުރެއްވުމުގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ އަޑު އައްސަވަމުންނެވެ.