މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހަކު ކ. ގުޅިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން މިދިޔަ އަންގާރަ ދުވަހުގައި ހައްޔަރުކޮށްފައިވަނީ ކ.ގުޅި، ނީލޯފަރުގޭ އާދަމް އަމްޖަދު، 29އ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތިން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

މި މައްސަލައާ ގުޅިގެން ކ. ގުޅި، އާބާދުވާދީ، އަދުނާން މުހައްމަދު، 33އ ވެސް ހައްޔަރުކުރިއެވެ.އޭނާގެ މައްޗަށްވެސް އުފުލާފައިވަނީ ހަމަ އަމްޖަދު މައްޗަށް އުފުލާފައިވާ ދައުވާއެވެ.އަދި ބަންދަށްވެސް ޖަހާފައިވަނީ ދިހަ ދުވަހެވެ.

ކޯޓު އަމުރުގައި ވާގޮތުން އެދެމީހުން ހައްޔަރުކޮށްފައިވަނީ މާފުށި ޓުއާސް ކިޔާ ލޯންޗަކުން ގުޅިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެ މީހުން ބޮޑުތަކުރުފާނު މަގުން ކާރެއްގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރުމުން އަދުނާންގެ ޖީބުން 20 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަތުމުން، އޭނާ ރައްދު ދީފައިވަނީ އެއީ އޭނަ ބޯން ބޭނުން ކުރާ ތަކެތިކަމަށެވެ.

ފުލުހުން ބުނީ އަމްޖަދަކީ ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތީގެ ކުޑުގެ ރެކޯޑާއި ބަންދު ރެކޯޑްވެސް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި އަދުނާނާ އޮންނަ ގުޅުމާ ބެހޭ ގޮތުން އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު އެދެ މީހުން އެކުގައި މާލޭގެ މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ސްނެޕްޝޮޓް ހުށަހަޅައިފައެވެ.