މުޅި ރާއްޖޭގެ ރައްޔިތުން ތިބީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސަލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރެންދޫގެގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތް ފެށުނު އިރުވެސް ކުރީ ސަފުގައި ތިބި ރައްޔިތުންތަކެއް ކަމަށާއި ހަ އަހަރުގެ މަސައްކަތަށްފަހު ވެރިކަން ބަދަލުކުރަން ކުރަން ޖެހުނު މަސައްކަތާ މެދު އަދިވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

ރައީސް ސާލިހު، ޅ ކުރެންދޫގައި
"ހަ އަހަރު މެދުނުކެނޑި ކުރި މަސައްކަތުން 2018 ވަނަ އަހަރު އެ އަނިޔާވެރި ވެރިކަން ބަދަލުކުރީ. މިއަދު ވެސް ކަންކުރާނީ އެހެން. މިއަހަރުވެސް މި ބޭއްވޭ އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އަޅުގަނޑުމެން ކުރިމަތިލާނީ އެއްބުރުން. ރައްޔިތުން ތިބީ އެ އަނިޔާވެރިކަމުގެ ތެރެއަށް ދާކަށް ނޫން، އެ ބިރުވެރިކަމުގެ ތެރެއަށް ދާކަށް ނޫން. ހަމަޖެހުމާއެކީގައި މި ފަސް އަހަރު ހޭދަކުރެވިއްޖެ،"
ރައީސް ސާލިހު
ރައީސް ސާލިހު، ޅ ކުރެންދޫގައި

ކުރެންދޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގެ ތެރެއިން މުޒާހަރާއަށް ނުކުތުމާއެކު ޖަލުގެ ކުޑަގޮޅީގެ އަނިޔާ އާއި ޕެޕާ ސްޕްރޭއާ ކުރިމަތިލާން ޖެހުނު ރައްޔިތުންތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ރަނގަޅަށް އެ އަނިޔާވެރި ދުވަސްތައް ހަނދާނުގައި ހުންނާނެ ރައްޔިތުން ތިބޭނެ އެއް ރަށަކީ ކުރެންދޫ ކަމަށެވެ.

"ފަހުން އައި ޖެނެރޭޝަން ވެސް އިސްލާހީ މަސައްކަތުގައި ދެމި އެބަތިބި. އަޅުގަނޑު ހަނދާން ހުރޭ، ވިންޓާ ދޯނި މީހުންނާ އެކު ދޫނިދުއަށް ގެންދިޔަ ހަނދާން. އެއަށްފަހު އެތަނުގައި ދުވަސްތަކެއް ބެހެއްޓުމަށްފަހު ދޫކޮށްލީ. އެހެންވީމާ މި ރަށުގެ ރައްޔިތުންނަށް އެ އަނިޔާ ހުންނާނީ ތަހައްމަލުކުރެވިފައި،"
ރައީސް ސާލިހު

ރައީސް ވަނީ ކުރެންދުއަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ.

  • އިތުރު ހައުސިން ޔުނިޓުތައް ހަދައިދިނުން
  • ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ހެދުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތްކުރުން
  • ޕިކްނިކް އައިލެންޑެއް ހެދުން