އައްޑޫ ސިޓީ މަރަދޫގައި އެއްބަނޑު އެއްބަފާ ބޭބެ، 27 އަހަރުގެ އަހުމަދު ޝުއައިބު (ބްލޫސްޓާ/މަރަދޫފޭދޫ) މަރާލި ކަމަށް އޭނާގެ ކޮއްކޮ، 25 އަހަރުގެ ހުސައިން މަވާޒަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މަފާޒަށް މިހުކުމް ކޮށްފައިވަނީ މިއަދު ކޯޓުގައި، އޭނާގެ ބޭބެ މަރާލިކަމަށް ރޮމުން އިއުތިރާފުވުމާ ގުޅިގެންނެވެ. މަވާޒްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލައިގައި މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަވާޒު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގައި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭނާގެ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވައިފިކަމަށްވެސް ކޯޓުން ވަނީ ހާމަކޮށްފައެވެ.

މަވާޒް، ތަހުގީގު މަރުހަލާގައި ދައުލަތާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން މަވާޒަށް ކަނޑައަޅަން ދައުލަތުން ބޭނުންވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އިއުތިރާފުވުމުން ކުށުގެ އަސާސީ އަދަބު ކަމަށްވާ ދިހަ އަހަރުން އެއް ދަރަޖަ ލުއިވުމާއި އޭނާގެ އިތުރު ކުށުގެ ރެކޯޑްތައް އޮތަތީ އަދި މީހެއް މަރުވުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގާފައިވުމުން އަސާސީ އަދަބުން ދެ ދަރަޖަ މަތިވުމުންނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރޮމުން ވާހަކަ ދައްކަމުން މަވާޒް ބުނީ އޭނާ ކުށަށް އިއުތިރާފުވާ ކަމަށާއި ބޭބެ މަރާލެވުމުން ދެރަވެ ހިތާމަކުރާ ކަމަށެވެ. ހަމައެހެންމެ އެކަމަށް ތައުބާވެފައިވާ ކަމަށާއި އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށެވެ. އަދި ކުރިއަށްދާން ބޭނުންވަނީ އިއުތިރާފު އެއްބަސްވުމާއެކުގައި ކަމަށް ބުނެ ބޭބެ މަރާލި އިރު، ކަންކަން ހިނގާދިޔަ ގޮތް މަފާޒް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނެވެ.

ޝަރީއަތުގެ މަޖިލިހަށް މަވާޒް ކިޔައިދިން ގޮތުގައި ބޭބެ މަރާލީ، ބޭބެގެ ފޯނު އޭނާ ވިއްކާލުމުން ދެ ބެންގެ މެދުގައި އުފެދުނު އަރާރުމެއްގެ ތެރޭގައި ކަމަށެވެ. އަރާރުމުގެ ތެރެއިން ބޭބެ، އޭނާ ފާރާ ދިމާލަށް ކޮށްޕާލި ކަމަށާއި އެ ވަގުތު އޭނާގެ ޖީބުގައި އޮތް ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން އޭނާގެ ބޭބެއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަލާ ދެވުނީ ނާޒުކު ގުނަވަކަށްކަން އެނގޭ ކަމަށްވެސް މަފާޒު ބުންޏެވެ.

ޝަރީއަތުގެ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވައިލެއްވީ، ދިހަ ދުވަހަށްފަހު އަދަބުކަނޑައެޅުން އޮންނާނެކަމަށް، އަންގަވައި އިއުލާންކުރައްވާފައެވެ.

އައްޑޫސިޓީ މަރަދޫގައި ދެބެންގެ ދެމެދު ހިނގި އަރާރުމެއްގެ ތެރެއިން ޝުއައިބު މަރާލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ޝުއައިބަށް މަވާޒު ހަމަލާ ދިނީ އެ ދެ މީހުން ދިރިއުޅޭ ގެ ކައިރީގައި މަގުމަތިންނެވެ. ޝުއައިބު މަރުވީ އެ ޒަހަމަތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މަވާޒް އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން ބަންދުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން މުއްދަތެއްނެތް ގޮތަށެވެ.