އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑް ކޮށްފިއެވެ.

ޔޫޓިއުބް ހިންގާ އަލްފަބެޓް އިންކޯޕޮރޭޓެޑުން ބުނީ، ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑްކުރީ، ޔޫޓިއުބް ޕޮލިސީއާ ޓްރަމްޕް ޚިލާފްވެވަޑައިގެންފައިވާތީ ކަމަށެވެ. އެއީ، ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ހަމަލާދިނުމަށް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޓްރަމްޕް ހިތްވަރު ދެއްވާފައިވާތީއެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދިނުމާއި، އެކަމަށް މަގުފަހި ކުރި ފަރާތްތައް، ގުޅުންހުރި ފަރާތްތައް، އޮންލައިން ޕްލެޓްފޯމްތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ގެންދަނީ ފޮހެލަމުންނެވެ.

ޔޫޓިއުބުން މިހާރުވަނީ، ޓްރަމްޕްގެ ޗެނަލަށް އާ ވީޑިއޯތައް އަޕްލޯޑް ނުކުރެވޭގޮތް ހަދާފައެވެ. އަދި ހަތްދުވަސް ވަންދެން ލައިވްސްޓްރީމް ނުކުރެވޭގޮތްވެސް ވަނީ ހަދާފައެވެ. އަދި ވީޑިއޯތަކަށް ކޮމެންޓްވެސް ނުކުރެވޭގޮތްވަނީ ހަދާފައެވެ.

މި މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ޔޫޓިއުބުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޔޫޓިއުބުން ޓްރަމްޕްގެ ޗެނަލް ސަސްޕެންޑްކުރީ، މިދިޔ އަންގާރަދުވަހު ޓްރަމްޕް ބޭއްވި ނިއުސްކޮންފަރެންސެއް، އެ ޗެނަލުން ލައިވްސްޓްރީމް ކުރިފަހުންނެވެ.

ޔޫޓިއުބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗެނަލް ސަސްޕެންޑް މިކުރީ، ޓްރަމްޕްގެ ޗެނަލް ޔޫޓިއުބުން ފޮހެނުލައިފިނަމަ ޔޫޓިއުބް ބޮއިކޮޓްކުރުމުގެ ވރުގަދަ ކެމްޕެއިނެއް ފެށުމަށް އެމެރިކާގެ ސިވިލް ރައިޓްސް ގްރޫޕްތަކުން ތައްޔާރުވަމުން ދަނިކޮށެވެ.

ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑްކުރި އިރު، ޓްރަމްޕްގެ ޓްވިޓަރ އެކައުންޓައް މިހާރުވަނީ އަބަދަށްޓަކައި ފޮހެލާފައެވެ. އަދި ޓްރަމްޕްގެ ފޭސްބުކް ޕޭޖްވެސްވަނީ ސަސްޕެންޑް ކޮށްފައެވެ.