އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރ، ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ "ދިވެހީންގެރާއްޖެ" އަވަށްޓެރި ސްރީލަންކާގައި ލޯންޗުކޮށްފިއެވެ.

"ދިވެހީންގެރާއްޖެ" މެނިފެސްޓޯ ލޯންޗު ކުރަން ލަންކާގައި ބޭއްވި މި ރަސްމިއްޔާތުގައި ލަންކާގައި އުޅޭ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.

ޕީޕީއެމަށް ތާއީދު ކުރާ އެތައް ފަރާތެއް ހާޒިރުވި މިރަސްމިއްޔާތުގައި، ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރާ ގިނަބަޔަކު އޭގެ ތެރޭގައި ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާގައި މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކޮށްފައިވާއިރު، މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވަނީ މެލޭޝިޔާއަށް ވަޑައިގެން، އެގައުމުގައި ތިބޭ ދިވެހިންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި ވެރިރަށް ކުއާލަލަމްޕޫރަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީއަށް ތާއީދު ކުރައްވާ ފަރާތްތަކާ ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.