ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ރޭގައި ކާނިވާ ސަރަަހައްދުގައި ހުރި ޕީޕީއެމްގެ ޖަގަހައަށް(ދޮންމަނިކު ސްކައިވިއުގެ ތިރީގައި) ވަޑައިގެންނެވީ ހިންގަވާފައެވެ. ރޭގެ އެވަގުތަށް އިންތިޒާރު ކުރަމުން ގެންދިޔަ އެތައް ބަޔަކު ކާނިވާ ސަރަަހައްދަށް އެއްވެފައި ތިއްބެވެ. ދިވެހިންގެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯއްދަވާފައިވާ، އެތައް ބައެއްގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ "މެޑަމް' ފާތުން، ގިނަ ދުވަސްތަކަކަށްފަހު، ސިޔާސީ މައިދާނަށް އަމަލީ ގޮތުން އެޅުއްވި މިފުރަތަމަ ފިޔަވަޅާއެކު، އޮހިގެންދިޔައީ ތަައުރީފާއި މަރުހަބާގެ ފޮނިބަސްތަކެކެވެ. މެހެފިލަށް އުޖާލާކަން އައުމާއެކު އުފުލިގެން ދިޔައީ ހޫނު ތަރުހީބުގެ އަޑުތަކެވެ.

މަރުހަބާގެ ބަސްތަކާއި، ތަރުހީބުގެ އަތްތިލަބަޑީގެ ތެރެއިން، މީހުން ގިނަވެ، ތޮއްޖެހިފައި އޮތް ޖަގަހަ ތެރެއަށް ފާތުންއަށް ވަދެވަޑައިގެންނެވުނީ ވަރުގަދަ ސެކިއުރިޓީގެ އެހީތެރިކަމާއެކުގައެވެ. އެހެންނަމަވެސް އެވަގުތު ފާތުންގެ އެސްފިޔަތައް ތެންމާލީ ލޮލަށް ޖަމައަވި ކަރުނައިންނެވެ. އެތައް ދުވަހެއްވީއިރުވެސް އެކަމަނާއަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯބިން ޒައްރެއްވެސް އުނިނުވާކަމުގެ އިހުސާސާއެކުގައެވެ.

ފާތުން މެޑަމަކީ ޔާމީންގެ ވެރިކަމުގައި ސިޔާސީ އަދި އިޖުތިމާއީ މަސައްކަތުގައި ވަރަށްވެސް ހަރަކާތްތެރިކޮށް އުޅުއްވި ކަނބަލެކެވެ. އެތައް ގިނަ ހަރަކާތްތަކުގައި ހިންގުންތެރިކަމާއެކު އުޅުއްވި، ފިރިކަލުން، ރައީސް ޔާމީނާއެކު ސިޔާސީ ގިނަ މަސައްކަތްތަކާއި އަދި ހަފުލާ، ޖަލްސާ، އެއްވުންތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވި ބޭކަނބަލެކެވެ.

އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ، ދިވެހިންގެ ހިތްތަކުގައި މެޑަމްފާތުންއަށް އޮތް ދަރަޖަ އެތައް ގުނައަކަށް ބޮޑުވެގެންދިޔަ ގޮތަށް އަދި އަދަށްދާނދެންވެސް އެގަދަރަށް، އެލޯތްބަށް އެޝުކުރަށް އުނިކަމެއް ނާންނަ، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަދަ ކުދިންނަށް ކޮށްދެއްވި ކަންތައްތަކެވެ. މިއަދުވެސް ސަރުކާރުގެ އެކި އޮފީސްތަކުގައި ވަޒީފާއަދާކުރަމުންދާ އެފަދަ އެތައް ފަރާތެއް އެބަތިއްބެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށް ހާއްސަކަމެއް ދީގެން ދީފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ކިތަންމެ އާއިލާއެއްގެ ލޯތްބާއި ދުއާވެސް މެޑަމްފާތުންއަށް ލިބިވަޑައިގެންފައިވެއެވެ.

އެހެންނަމަވެސް ރައީސްޔާމިންގެ ވެރިކަން ނިމުމަކަށް އައުމަށްފަހު، ފާތުން ނިންމެވީ މިހުރިހާ ކަމަކުން އެއްފަރާތަށް ޖެހިވަޑައިގެން އިންނެވުމަށެވެ. ހަމަމިއާއެކު، މަނީލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން ފެށިގެން 11 އަހަރަށް ޖަލަށްލުމުގެ ހުކުމް ފިރިކަލުންނަށް ކުރިފަހުން ފާތުން ސިޔާސީ ކަންކަމާ މުޅިންހެން އެއްފަރާތަށް ޖެހިވަޑައިގެން، ގެކޮޅުގައި ހަމަހިމޭނުން އިންނެވީއެވެ.

އެހެންނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ހޯއްދެވުމަށް ސިޔާސީ މަސައްކަތަށް ރޭ ނުކުމެވަޑައިގަތީ، އަލުން އާހިތްވަރަކާއެކުގައެވެ.

ރޭގެ ހަފުލާގައި އެ ކަމަނާގެ އަރިހުގައި މުއިއްޒުގެ އަނބިކަނބަލުންނާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފު، ސެމްބެ އާއި ސެމްބެގެ އަނބިކަނބަލުންވެސް ޖަގަހަ އަށް ވަޑައިގަތެވެ. ހަފުލާއަށް ވަޑައިގެން މުއިއްޒުގެ ކެމްޕެއިން ޓީމުތަކާއެކު ފާތުން ވަނީ މުއިއްޒުގެ ކެންޑިޑޭޓް ނަމްބަރު 4 އެއް އިނގިލިން ދައްކަވައި، އެ ކަމަނާގެ ތާއީދު އޮތް ގޮތް ހާމަކުރައްވައިފައެވެ.

"ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ، މެޑަމް ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއޭ، މިއީ ވަރަށް އުފާވެރި ރެއެއް،" ރޭގެ އިޝާ ނަމާދުން ފޭބި ގޮތަށް ޖަގަހަ ދޮށުގައި އެއްވެފައި ތިބި އަންހެނުންގެ އެބަސްތަކުން ފާތުންގެ ލޮލުން ކަރުނަ ހިލި، ކީރިތިކުރެއްވުނެވެ.

ސްޓޭޖު މަތީގައި ފާތުން އިށީދެވަޑައިގެން އިންނެވީ މުއިއްޒުގެ އަނބިިކަނބަލުން ސާޖިދާ މުހައްމަދާއި، ސެމްބެގެ އަނބިކަނބަލުން އާއިޝަތު އަފްރީންގެ ދެމެދުގައެވެ.

ފާތުންގެ މޫނުމަތިން ހިތާމަ އާއި އުފާ އެއްވެމަސްހުނިވެފައިވާ ޖަޒްބާތުތަކާއި އިހުސާސްތަކުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އަދި އިރުއިރުކޮޅާ، ޓިޝޫކޮޅަކުން، ކަރުނ އޮހުނަނުދީ ފޮހެލާ މަންޒަރު ފެންނަމުން ދިޔައެވެ.

މެޑަމްއަށް ކީރިތި ކުރެއްވުނީ އިހުތިޔާރަކާ ނުލައެވެ. ފިރިކަލުންގެ ހާލަށް އެތައްބައެއްގެ ފަރާތުން އިވިވަޑައިގެންނެވި ހަމްދަރުދީގެ ބަސްތަކާއި، ހިތްވަރުގެ ބަސްތަކުން އެކަމަނާއަށް ވަރަށްބޮޑަށް އަސަރު ކުރުމާއެކު ކަރުނަ ހިފަހައްޓާނުލެވުނެވެ. ޖަލު ތޭރިތަކުގެ ފުރަގަހުގައި ފިރިކަލުން ހޭދަކުރައްވާނެ އެކަނިވެރި، ހިތްދަތި ގޮތާއި މިދުވަސްތަކުގައި އެކަމަނާ އުފުއްލަވަމުން ގެންދަވާ ހިތާމައާއި ކެކުޅުން ހާމަވެގެން ދިޔައީ، އެއްވެފައި ތިބި ދިވެހި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އޯގާތެރިކަމާއި ލޯތްބާއި އިހުތިރާމްގެ ސަބަބުންނެވެ.

ރޭގައި އޮތް ޖަލްސާއަށްފަހު ފާތުން ނިންމެވީ މަރުހަބާ ކިޔަން ގޮސް ތިބި އެންމެންނާ ސަލާމް ކުރެއްވުމަށް ގަސްތު ކުރެއްވުމާއެކު، އެކަމަށްޓަކައި، ޖަގަހައިގެ ދޮރު މަތިން ދަމާލި ސަފު، ދިގުދެމިގެން ގޮސް ޕީޕީއެމްގެ އޮފީހާ ހަމައިގައެވެ. ފާތުންއާ ސަލާން ކޮށްލައި ފޮޓޯއެއް ނެގުމަށް އެ އެންމެންހެން މަސައްކަތް ކުރިއެވެ. އޭގެތެރޭގައި، ފާތުންއާ ސަލާން ކުރުމަށް ފަހު އުފަލުން ރުއި ފަރާތްތަކާއި އުފާވެ، ހެވިފައި ތިބިމީހުންނާއި، ހިތްވަރުދީ، ފާތުންގެ ކޮނޑުގައި ފިރުމައި ހެދި މީހުންވެސް ތިއްބެވެ.

ގާތްގަނޑަކަށް 9:30 ހާއިރު ޖަގަހައިން ނުކުމެވަޑައިގެން އެއްވެފައި ތިބި މީހުންނާ ސަލާން ކުރައްވަން ފެށްޓެވި ގޮތަށް 10:30 ވީއިރު ވެސް އެ ހުރިހާ އެންމެނާ ސަލާމްކޮށް ނުނިމެއެވެ. އެންމެ ހާއްސަ މަންޒަރަކަށް އެތައް ބައެއްގެ ސަމާލުކަންދަމައިގަތީ، އެވަގުތު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ފާތުންއާ ސަލާން ކުރައްވައި އެކުގައި ފޮޓޯފުޅެއް ނެންގެވި މަންޒަރެވެ. ހަމަމިއާއެކު ނަޝީދު ވަނީ ފާތުންއަށް ހިތްވަރުދެއްވައި، ޔާމީން މިނިވަން ކުރުމަށް ގޮވާލެއްވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މިހާރު ފާތުންއަކީ "ހިތްތަކުގެ ރާނީ" ކަމަށް ސިފަކުރައްވައި، ވިދާޅުވީ، މެޑަމްއަކީ އެންމެ ބޮޑު ހިދުމަތެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ފަސްޓް ލޭޑީ ކަމަށާއި މި ނިމިގެންދަނީ ވަރަށް ހިތްދަތި އަހަރުތަކެއްކަމަށް ވިނަމަވެސް، ފާތުން ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މުއިއްޒުގެ ރަނިންމޭޓް ހުސައިން ވިދާޅުވީ، ހިތްދަތި ދަނޑިވަޅެއްގައި ވެސް ފާތުން ދައްކަވާ ހިތްވަރަކީ ޕާޓީގެ ހުރިހާ އަންހެނުންނަށް ވެސް ނަމޫނާއެއް ކަމަށާއި އެކަމަނާ އަބަދުވެސް އިސްކުރައްވަނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އެ މަސައްކަތް ކުރެއްވި ކަމަށާއި ފާތުން މިއަދު ނުކުމެ ވަޑަައިގެންނެވީވެސް އެ މަސްލަހަތުގައި ކަމަށެވެ.

"މިރޭ އަޅުގަނޑުމެންގެ ދިވެހި ކަނބަލުންގެ ލޮބުވެތި ކަމަނާ މިތަނަށް ވަޑައިގެން އިންނެވި އިންނެވުމުން އަޅުގަނޑުމެންގެ އާއިލީ ގުޅުން ދައްކުވައިދޭ، އަޅުގަނޑުމެންގެ ކެތްތެރިކަން ނިންމަން ވާނީ އުފަލާ އެކު. މި ނިންމުން ނިންމާނީ ބަދަހި ލަޝްކަރާ އެކު ރައީސް ޔާމީން މިނިވަން ކޮށްފައި. ރައީސް ޔާމީންގެ ލެގަސީ ފިލުވާލުން، އެކަން ލާހިކެއް ނޫން ކުރާކަށް،"

ކޮންމެއަކަސް، ރިޔާސީ އިންތިހާބަށް އެންމެ ހަތަރު ވަރަކަށް ދުވަސް ބާކީ އޮތްއިރު، ރޭގައި މިފެނިގެންދިޔައީ ޕީޕީއެމް/ޕީއެންސީ އިތުރަށް ވަރުގަދަވެގެންދިޔަ މަންޒަރެވެ. ވޯޓުލާން ސަތޭކައެއްހާ ގަޑިއިރަށްވެފައިވާއިރު، ކެންޑިޑޭޓުން ދަނީ އިރަކަށް ވުރެ އިރެއް، ކެމްޕެއިންތައް ވަރުގަދަ ކުރަމުން ޔަގީންކަން އިތުރުކުރަމުންނެވެ. މިދަނޑިވަޅުގައި މެޑަންފާތުން ނެންގެވި މިފިޔަވަޅަކީ ޔަގީނުންވެސް ޑރ މުއިއްޒާއި ސެމްބެއަށް ތާއީދު ކުރާ ފަރާތްތަކުގެ ލިސްޓު ބޮޑުވެގެންދާނެ ކަމެކެވެ.

މެޑަމްފާތުންގެ ލޮލުން ހިލުނު ކަރުނައާއެކު، އެދެއްކެވި ވަރުގަދަ އަޒުމުން، މިއިންތިހާބު ކާމިޔާބު ވާނޭކަމުގެ ޔަގީންކަން ބޮޑުވެ، ޕީޕީއެމް/ޕީއެންސީއަށް ލިބުނީ އިތުރު ޖޯޝަކާއި ހިތްވަރެކެވެ. އެހެނީ މެޑަމެއަށްޓަކައި މުއިއްޒަށް ތާއީދު ކުރަން ތައްޔާރަށް ތިބި ކިތަންމެ ބަޔަކު ތިބޭނެތީއެވެ. މެޑަމްއަކީ އެތައް ދިވެހިންގެ ލޯބި ހާއްސަވެފައިވާ ފަރާތަކަށްވާތީއެވެ.