އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވެރިރަށް މާލޭގެ ފުރިހަމަ އަޣްލަބިއްޔަތު ޕީޕީއެމް/ޕީއެންސީއަށް ހޯއްދަވައި ދެއްވުމަށް އެކޯލިޝަނުގެ ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަރުގަދަ މަސައްކަތްތަކެއް ފައްޓަވައިފިއެވެ.

މިމަސައްކަތުގައި ސެމްބެ އެންމެ ބޮޑު އިސްކަމެއް ދީފައިވާ މަސައްކަތަކީ މާލޭގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހައި ހައްލުކުރަން ހުރި ކަންކަން އޮޅުން ފިލުވުމެވެ.

ސެމްބެއާއި، ސެމްބެގެ ޓީމުން މާލޭގެ ގިނަ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމުން ވަރަށް ފާޅުގައި ގިނަ ބަޔަކު ވަނީ ވޯޓު ދޭނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ނިމުން ގެނެވޭނީ ހެޔޮ ބަދަލެއް އައިސްކަމަށް ގަބޫލު ކުރާކަމަށް ވަނީ ބުނެފައެވެ.

މާލޭގައި ކުރިއަށްދާ ކެމްޕޭންގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެއެވެ. އެކި ޓީމުތައް ހަރަކާތްތެރިވަނީ އެކި ސަރަހައްދުގައެވެ. މިބޭފުޅުންގެ އިތުރުން ވަގުތު ވީ ވަރަކުން ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުވެސް މާލޭގެ ގޭގެއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.