ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް، (35 އަހަރު) މުހައްމަދު ލިޓޮންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގދ. ތިނަދޫ/ މަނާރު، 45 އަހަރުގެ މުހައްމަދު ނިޒާމަށް ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ދިހަ ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ލިޓޮންގެ މަރުގެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ފަށައިފައެވެ. ނިޒާމަށް މިމައްސަލައިގައި ދިފާއީ ވަކީލަކު އަދި ހަމަޖެހިފައިނުވާތީ ދައުލަތުން ވަނީ އިބްތިދާއީ މަރުހަލާގެ އަޑުއެހުން ކުރިއަށް ގެންދިޔުމަށް އިއުތިރާޒުކޮށްފައެވެ.
ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި އޭނާގެ ވަކީލަތު ނެތުމުން ދައުލަތުން އެދުނީ ނިޒާމަށް ވަކީލަކު އައްޔަންކުރެވުނީމަ މައްސަލައިގެ ޝަރީއަތް ބޭއްވުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ލިޓޮން އަދި ނިޒާމު ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލޭގައި އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އެކަމަކު ލިޓޮން ފެނިފައެއް ނުވެއެވެ.
ނިޒާމް ހައްޔަރުކުރީ ލިޓޮން މަރާލިކަމުގެ ތުހުމަތުގައެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ނިޒާމު، ލިޓޮން މަރާލާފައިވަނީ 28 ޑިސެމްބަރު 2022 ރޭ 7:00 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕައި ވައްޓާލައިގެން ކަމަށެވެ.
މި މައްސަލައިގައި ނިޒާމުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ، 35 އަހަރު ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް ނިޒާމަށް އަންނާނެއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާ ނިޒާމުގެ މައްޗަށް ކުރީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ އޭނާ ވަގަށް ނަގާފައިވާތީއެވެ. ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ލިޓޮން ގެއްލުނު މައްސަލައިގެ ތަހުގީގު ތެރެއިން ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ނިޒާމު މަސްތުވާތަކެތި ގަނެފައިވަނީ ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހުއެވެ.