މިމަހުގެ 3 ވަނަ ދުވަހު މަޑަގަސްކަރައިގައި ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެއިން ހޯދީ ފުރިހަމަ ކާމިޔާބީ ފާހަގަކޮށް އެކަމުގެ އުފަލުގައި ދިވެހި ކުޅިވަރު އާއިލާއަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ދަންނަވައިފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފް(ސެމްބެ) ކޯލިޝަންގެ ލީޑަރޝިޕް، ސެނެޓް، ދާއިރާ ރައީސުން، ސްޓިއަރިން ކޮމިޓީ ތަކާއި އެންމެހާ ގުނަވަންތައް އަދި އާންމު މެންބަރުންގެ ނަމުގައި ތަހުނިޔާއާއި މުބާރަކް ބާދީ ރައްދު ކުރާ ކަމަށެވެ.
މުބާރާތުގައި ވާދަކުރި ކުޅިވަރުތަކުން ފަސް ރަން މެޑަލްއާއެކު ޖުމްލަ އަށާވީސް މެޑަލް ހޯދާފައިވަނީ، ވަރަށް ގިނަ ބައެއްގެ ވަރަށްވެސް ގިނަ ވަގުތާއި ބުރަ މަސައްކަތުންކަން ގަބޫލު ކުރާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ކުޅިވަރުތަކުން ގައުމަށް ހޯއްދަވައިދެއްވި ފުރިހަމަ ކާމިޔާބީގެ ފަހަތުގައި މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތައް ހިމެނޭހެން ކުޅުންތެރިންނާއި ކޯޗުންނާއި ޓެކްނިކަލް ސްޓާފުން، އެސޯސިއޭޝަންތައް އަދި ބެލެނިވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބުރަ މަސައްކަތުގެ އަގު އެކޯލިޝަނުން ވަޒަންކުރާކަމަށްވެސް ހާމަކޮށްފައިވެއެވެ
އަދި މިކާމިޔާބީއަށް ވާސިލުވުމަށްޓަކައި ދިވެހި ކުޅުންތެރިންނަށް މަސައްކަތްކޮށްދެއްވައި ހިތްވަރު ދެއްވައި، އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދެނީ ދިވެހި ކުޅިވަރަށް އިތުރު ތަރައްގީއާއި ކުރިއެރުމާއި، އަދި ދިވެހި ކުޅިވަރަށް އިތުރު ތަރައްގީއާއި ކުރިއެރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.