މެނަޕޯސް އަކީ އަންހެނުން ނާއުންމީދުވެ މާޔޫސްވާ ހާލަތެކެވެ. ހޯމޯނަލީ އަންނަ މިބަދަލުތައް އަންހެނުންނަށް ވަރަށް ގިނަ ތަފާތު އިހުސާސްތަކާއި އަސަރުތަކާ ކުރިމަތި ކުރުވައެވެ. އެހެންނަމަވެސް މިއީ ފަހަރެއްގައިވެސް ދިރިއުޅުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ނިމުނީ ކަމަށް ވިސްނައި އެފަދަ ގޮތްތައް ނިންމަންވީ ސަބަބެއް ނޫނެވެ. ގިނަފަހަރު ފިރިމީހާއަށް އަޅާލުން ކުޑަކޮށް، އެހެން ދިމަދިމާއަށް ފިރިމީހާ ދީލާލާން ދޫކޮށްލެވޭގޮތް ވަނީ މިދެންނެވިފަދައިން މާޔޫސްވާތީއެވެ.

މެނަޕޯސްގެ ހާލަތަށް އަންހެނުން ދަނީ އާންމުކޮށް އުމުރުން 45 އަހަރާއި 50 އަހަރާ ދެމެދުންނެވެ. ނަމަވެސް ބައެއް ކަހަލަ ކަންތަކެއްގެ ސަބަބުން މެނަޕޯސްގެ ހާލަތަށް ތިރީހުގެ އަހަރުތަކުގައިވެސް ބައެއް އަންހެނުންނަށް ދިމާވެއެވެ. މާބޮޑަށް ހާސްވެ ކަންބޮޑުވެ، ޑިޕްރެޝަނަށް ދިޔުމާއި އާދަޔާހިލާފަށް ބަރުވެ ފަލަވުމާއި ބައެއްކަހަލަ ބޭސްފަރުވާ، މިސާލަކަށް ކީމޯތެރަޕީ ކަހަލަ ބޮޑެތި ފަރުވާތަކުގެ ތެރެއިންވެސް މެނިޕޯސްގެ ހާލަތު ދިމާވެއެވެ.

މެނަޕޯސްއަކީ ކޮބާ؟

މިއީ އަންހެނުންގެ މައްސަރުކަންތައް ދިމާނުވެ 12 މަސްދުވަސް، ނުވަތަ އެއް އަހަރު ވުމުން ދިމާވާ ހާލަތެކެވެ. މިއަށް ދިވެހިން އާންމުކޮށް އިއްދައިންކެނޑުން ފަދަ ނަންތައް ބޭނުން ކުރެއެވެ. މިހާލަތަށް ރުޖޫއުވުމުގެ ކުރިން ޕެރިމެނަޕޯސް ކިޔާ ސްޓޭޖަކާވެސް ދިމާވެއެވެ. މިކަންތަކަކީ ހޯމޯނަލީ އަންނަ ބަދަލުތަކެކެވެ. އަދި ހަމައެހެންމެ މިއީ ބިސް އުފެއްދުމާއި ބިސްދޫކުރުން އަދި އީސްޓްރޮޖެން ލެވެލްއަށް އަންނަ ބަދަލުތަކެއްގެ ވެސް ހާލަތެކެވެ.

މެނަޕޯސްއަށް ފަހު ފިރިމީހާއާ ދުރުވަނީ ކީއްވެ؟

މިއީ ވަރަށް ގިނަފަހަރު ދިމާވާ މައްސަލައެކެވެ. ހަގީގަތުގައި މިއީ މައުލޫމާތާއި ކަމުގެ އިލްމު ނެތުމުން ދިމާވާ މައްސަލައެކޭވެސް ބުނެވިދާނެއެވެ. މެނަޕޯސްއަކީ ނުބައި ބައްޔެއް ނޫނެވެ. އެހެނަސް އަންހެނުންގެ ހަށިގަނޑު އުފެދިފައިވާ ގޮތާއި އެހަށިގަނޑަށް އަންނަ ބަދަލުތަކަކުން ދިމާވާ ހާލަތެކެވެ. މިހާލަތުގައި ކައިވެނީގެ ހުރިހާ އުފަލަކުން މަހްރޫމު ވާކަށް ނުޖެހެއެވެ. ކޮންމެ ކަމެއްގެވެސް ހައްލާއި ފަރުވާ އޮންނަ ފަދައިން މިހާލަތުގައިވެސް ކުރެވޭނެ ކަންތައްތައް ހުރެއެވެ. ފިރިމީހާ ހިތްހަމަޖައްސައިދިނުމަށް ކުރެވޭނެ އެތައް ގިނަ ކަމެއް ހުރެއެވެ. އަދި މިހާލަތު ދިމާވުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާއި ކުރާ އަސަރުތައް، މާޔޫސްވުންފަދަ، ސްޓްރެސް ބޮޑުވުންފަދަ، ގައިން ހޫނު އެރުމާއި އާދަޔާހިލާފަށް ހޫނުވުން ފަދަ ކަންތައްތަކަކީ ޑޮކްޓަރުންގެ އިރުޝާދާއެކު ކުރިމަތިލައި ހައްލު ކުރެވޭނެ ކަންތައްތަކެވެ.

މެނަޕޯސްއަކީ ނިމުމެއް ނޫން، އެއީ ހަމައެކަނި ހާލަތެއް، ދިރިއުޅުން ހަމަ އިހެކޭ އެއްގޮތަށް އުފާވެރިކަމާއެކު ކުރިއަށް ދެވޭނެ.

މެނަޕޯސްގެ ހާލަތަކީ ފިރިމީހާއާ ހިއްސާކޮށްގެން ހަމަޖައްސާލެވޭނެ ހާލަތެކެވެ. ފިރިމީހާ އެކަނިކޮށް އެކަހެރިވެގަތުމުގެ ބަދަލުގައި ދެމަފިރިން އެކުގައި މިހާލަތާ ކުރިމަތިލެވިދާނެއެވެ. ދުވަހުގެ ބަައެއް ވަގުތުތައް ފިރިމީހާއާއެކުގައި މޫދަށް ގޮސް، ބޭރަށް ނުކުމެ އުޅުމަކީވެސް މިފަދަ ހާލަތްތަކުގައި ގުޅުން ހީނަރު ނުވެ ކުރިއަށްދާނެ ކަންތައްތަކެކެވެ.

ދިރިއުޅުމުގެ އެއްވެސް ކަމަކީ މާޔޫސްވެ ދެއަތް އުރާލައިގެން "މި ނިމުނީ" ސިއްކަ ޖަހަންވީ ކަމެއްނޫނެވެ. ހައްލު ނުވާނެ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަން ގަބޫލު ކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެއަށްފަހު އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމުން އެދެވޭ ނަތީޖާއެއް ފެންނާނެކަން ޔަގީނެވެ.