ދުވާލަކު ފަންސާސް ޓަނުގެ ކުނި މެނޭޖުކުރާ ޕްލަންޓެއް އައްޑޫ ސިޓީގައި ގާއިމުކޮށްފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް އަމަޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުގެ ވޭސްޓް އެނާޖީ ޕްލާންޓް އިންސްޓޯލްކޮށް ނިންމައި، މިއަދު އެ ޕްލާންޓުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮރެއާ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާފައިވާ އެ ޕްލާންޓަކީ ދުވާލަކު ފަންސާސް ޓަނުގެ ކުނި އަންދައި، އެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ގޮތަށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެއް ކަމަށް ވެމްކޯއިން ހާމަކުރެއެވެ. މި ޕްލާންޓުގެ ޑިޒައިން ކޮށްފައިވަނީ ވެސް ކޮރެއާ ކުންފުނިންނެވެ.
ދެކުނުގެ ސަރަހައްދީ ކުނި މެނޭޖުކުރުމަށް ބަހައްޓާފައި މިޕްލާންޓުގެ ޕްރައިމަރީ ކަމިޝަން ފެށުމަށްޓަކައި ކޮންޓެރެކްޓަރާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް، އެ ފެސިލިޓީ ވަނީ އައްޑޫ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވެމްކޯއާ މިއަދު ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ވެމްކޯއާ އެ ފެސިލިޓީ ހަވާލުކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. މިނިސްޓަރު ޝައުނާގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ކައުންސިލު މެންބަރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްލާންޓުގައި އިންސިނިރޭޓަރަކާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާބައިންއެއްގެ އިތުރުން ކުނި އަންދައިގެން އަރާ ދުން ކޮންޓްރޯލު ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާނެ ކަމަށާއި އޭގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުން ނުވާނެ ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ/
މި ޕްލާންޓް ކޮމިޝަންކޮށް ނިމެންވާއިރަށް އޮފަރޭޝަނަށް ގެނައުމަށްޓަކައި މިހާރުވެސް އެކަމާ ގުޅޭ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި އެ ތަނަށް ބޭނުންވާ ކުނި ނެގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
މިއީ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ހުވަދޫ އަތޮޅުގެ ރަށްތަކުންނާއި ރިސޯޓުތަކުގެ ކުނި އައްޑޫ ސިޓީއަށް ޕްރޮސެސް ކުރުމަށް މަގުފަހިކޮށްދިން ޕްލާންޓެއްކަމަށް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ބުނެފައެވެ.