އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ޖައި ޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓްރ އަބްދުالله ޝާހިދަށް ފޮނުވި ކަމަށް ބުނާ ސިޓީއަކީ ދޮގެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ލީކުވެ, ސޯޝަލް މީޑިއާގައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފްގެ ވަސީލަތްތައް އުތުރާއި ދެކުނުގައި ވަރުގަދަ ކުރުމަށް ދެ ގައުމުގެ މެދުގައި ކުރި މަޝްވަރާތަކަކާ ހަވާލާދީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު، ފޮރިން މިނިސްޓަރު ފޮނުއްވި ކަމަށް ބުނާ އެ ސިޓީގައި ވަނީ ކުރިން އެއްބަސްވެފައިވާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ)ގެ އިތުރުން ޖުމްލަ 11 ޔޫއޭވީ 550 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ.

މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް، އެ އުޅަނދުތައް ވެސް އޮޕަރޭޓުކުރާނީ ގާބިލުކަން ހުރި މިންވަރުން އެމްއެންޑީއެފުން ކަމަށް ސިޓީގައި ބުންޏެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި އަބްދުﷲ ޝާހިދު

15 ޖުލައިގައި ފޮނުވި ކަމަށް ބުނާ މި ސިޓީގައި ބުނެފައިވަނީ ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރަންވާނެ ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި މިހާރު އިންޑިއާ އިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްތައް 1.94 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކޮށްދޭން އިންޑިއާ ސަރުކާރުން އެއްބަސްވާ ކަމަށް ބުނެފައި ވެއެވެ.

އަލަށް ވާ އެއްބަސްވުމުގެ ދަށުން، އެ ސިޓީގައި ބުނެފައިވާ ގޮތުން ނަމަ ދިވެހި ސަރުކާރުގެ ސަވަރިން ޑެޓް މާފުކޮށްދޭނެ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ދަރަނީގެ ހާލަތަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް ސިޓީގައި ބުންޏެވެ.

މި ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާ އިން ފޮނުވި ކަމަށް ބުނާ އެ ސިޓީ ލީކުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމާއެކު، ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން ވަނީ ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި ބުނެފައިވަނީ, އިންޑިއާގެ ފޮރިން މިނިސްޓަރު ޖައި ޝަންކަރު އަދި އިންޑިއާގެ ސަރުކާރުގެ ނަމުގައި ދައުރުކުރަމުންދާ ސިޓީއަކީ ސައްހަ ނޫން ސިޓީއެއް ކަމަށާއި, އެކަން އިންޑިއާއިން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރަމުން އަންނަ މީޑިއާތަކާމެދު ފިޔަވަޅު އެޅުމަށް ބްރޯޑްކޮމް އަށާއި އެމްއެމްސީއަށް ވަނީ ގޮވާލާފައެވެ.

އެ ސިޓީއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކްސް.ކޮމްގައި ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި، ދައުރުވަމުންދާ އެ ސިޓީއަކީ ފޭކް ސިޓީއެއް ކަމަށާއި, އޭގައިވަނީ ދޮގު މައުލޫމާތު ކަމަށެވެ.

"މިއީ ފޯޖުކޮށްފައެއް އޮތް ސިޓީއެއް. އަދި އޭގައި ލިޔެފައިވާ އޮތް އިބާރާތްތަކަކީ ވެސް ސައްހަ އެއްޗެއް ނޫން،" އެ ޓުވީޓުގައި ވެއެވެ.

އަދި އެފަދަ ވާހަކަތައް ނުފަތުރުމަަށާއި, ނޫސްވެރިކަން ކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށްވެސް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.