މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވޯޓުލައްވައިފިއެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ އާބާދީގެ ނުވަދިހައިން ސައްތަ ވޯޓު ލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ހިތުން މި އިންތިހާބުގައި 88 ޕަސެންޓާ 90 ޕަސެންޓާ ދޭތެރޭގައި ވޯޓު ލާނެ ކަމަށް އަޅުގަނޑު މި ޔަގީންކުރަނީ. އަޅުގަނޑަށް ޓްރެންޑް ފެންނަނީ އެގޮތަށް،" ރައީސް ސާލިހު ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓު ލާން ކުރިން އިންތިހާބެއްގައި ނުނިކުންނަހާ މީހުން ނިކުންނާނެކަން މިހާތަނަށް ފެންނަން ހުރި ޓްރެންޑުތަކުން ދައްކާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.