ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސް.ކޮމްގައި މިރޭ ކުރެއްވި ޓުވީޓެއްގައި، މީރާ ވިދާޅުވީ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ބިރުވެރިކަމެއް ކަމަށެވެ.

"އެހެންކަމުން ދެވަނަ ބުރެއްގައި ވޯޓު ދޭނީ ރައީސް ސާލިހަށް،" މީރާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވައިނައިގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާތަނަށް ނަތީޖާ ލިބިފައިވާ ވޯޓު ފޮށިތަކުން މުއިއްޒަށް 45.93 ޕަސަންޓޭޖު ވޯޓު ވަނީ ލިބިފައެވެ. ރައީސް ސޯލިހު ދެވަނައިގައި އޮތްއިރު އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 39.21 ޕަސަންޓެވެ.

މިހާތަނަށް 574 ވޯޓު ފޮށީގެ ތެރެއިން 551 ވޯޓު ފޮށި ވަނީ ގުނައިފައެވެ. އަދި ނަތީޖާ ދައްކާ ގޮތުން، އިންތިހާބުގެ ދެވަނަ ބުރަކަށް ދާނެކަމަށް ބެލެވެއެވެ.