ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ކޯލިޝަން ނުހައްދަވަނެކަމުގެ އިޝާރާތެއް ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ. މިއާއެކު ރައީސް ސާލިހު ވަނީ ދެވަނަ ބުރެއްގައި އިތުރު ބަޔަކާއެކު ކޯލިޝަން ހަދަން މަސައްކަތްކުރައްވާނެކަމަށް ރޭ ވިދާޅުވެފައެވެ.

މިދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަދީ އަދި އެގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ހަރުކަށި ފިކުރައް ގައުމު ގޮސްދާނެކަމަށް ރައީސް ސާލިހުގެ ސަޕޯޓަރުން ބުނަމުންދާއިރު، ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާވެސް ވަނީ މިގޮތަށް ވިދާޅުވެފައެވެ.