ގައުމީ ވަންތަކަމާއި ދިވެހިންގެ ވަންތަކަމާއި، މިހުރިހާ ކަމެއްގެ ތެރެއިން "ދިވެހިންގެ ރާއްޖެ" ހޯދުމަށް، ސިޔާސީ ލީޑަރުންނަށް އޮތީ ދައުވަތު ދެވިފައި ކަމަށާއި ދާދިއަވަހަށް މިބަަދަހި ލަޝްކަރާ ގުޅިވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވިދާޅުވެއްޖެއެވެ.

ސެމްބެ މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓްފިޝަލް ބީޗުގައި ބޭއްވި، "ޝުކުރިއްޔާ ދިވެހިން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުން އިއްޔެ ކުރެއްވި އިތުބާރަށް ސެލިއުޓްކޮށް، ރައްޔިތުންގެ އުންމީދުތަކެއް ހުރިކަން އިއްޔެ ނިންމުންތަކެއް ނިންމައިފިކަމާއި އެހުރިހާ ފަރާތްތަކަށް އަދި ތާއީދު ނުކުރައްވާ ފަރާތްތަކަށްވެސް ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރައްވާކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށް ދިމާވާ ދަތިއުނދަގޫ ކަންތައްތަކަށް އަޑުއުފުލާ މުވައްސަސާއެއް ނެތުން އަދި އެފަދަ ޝަކުވާތައް އަޑުއަހައި އެހީވާނޭ ރައްޔިތުންގެ މަޖިލީހެއް ނެތުންފަދަ ކިތަންމެ ކަމަކާހެދި އިއްޔެ ރައްޔިތުން އެނިންމި ނިންމުމަށް ނުހަނު ބޮޑަށް ޝުކުރު އަދާކުރައްވާކަމަށް ސެމްބެ ވިދާޅުވިއެވެ.

ގައުމުގެ ހާލަތު ބަދަލު ކޮށްލެވޭނެ ހިތްވަރުގަދަ ބަޔަކަށް ވެގެންދާނެ ޒުވާނުން ކަމަށާއި ޒުވާނުންނަށް ދިމާވި ފިއްތުންތަކާއި އާއިލާއިން ދައްކަމުންގެންދިޔަ ބިރަށް، ފިކުރެއް ހިޔާލެއް ނެތި، ޒުވާނުން އިއްޔެ ޑރ މުއިއްޒަށް އެޅުއްވި ވޯޓަކީ ގައުމީ އެންމެ މަތީ މަސްލަހަތު ނެގުމަށްޓަކައި ނިންމި ބޮޑު ނިންމުމެއްކަމަށެވެ. ހަމައެހެންމެ ގައުމުގެ އަންހެނުން ދެއްކީ ނަމޫނާ މިސާލެއްކަމާއި ގައުމުގެ ހާލު ކޮންމެ އިރެއްގައިވެސް ބަދަލު ކޮށްލަން އެންމެ ކުރީ ސަފުގައި ނުކުމެ މަސައްކަތް ކުރާ ބަޔަކީ އަންހެނުންކަން ފާހަގަ ކުރައްވައި ސެމްބެ ވިދާޅުވީ، އިއްޔެގެ އެ ނިންމުން ނިންމި ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާކަމަށެވެ.

ސެމްބެ ވިދާޅުވީ ޑރ މުއިއްޒަކީ އިންތިހާއަށް އޯގާތެރި ބޭކަލެއްކަމަށެވެ. ޑރ މުއިއްޒަކީ އެއްވެސް ގިންތިއެއް ދުލެއް ނުކުރައްވައި، އެއް ގިންތިއެއްގައި އެއް މިނެއްގައި ހަމަހަމަކަމާއެކު، ރައްޔިތުންނަށް ކަންތައްކޮށްދެއްވާނޭ ނުހަނު އޯގާތެރި ފަރާތެއްކަމަށް ތަކުރާރުކޮށް ސެމްބެ ފާހަގަކުރެއްވިއެވެ.

"އެމަނިކުފާނު ވިދާޅުވަމުން އެގެންދަވަނީ އަޅާލާނަމޭ އެއީ އޯގާތެރި އަތެއް، އެކަމަށް ތިބޭފުޅުން ޝައްކު ނުކުރައްވާ، އެމަނިކުފާނު އެވަޑައިގަންނަވަނީ ރައީސް ޔާމީންގެ އިރުޝާދާއެކު މިގައުމުގެ ހުންގާނާ ހަވާލުވާން، އެއީ ތި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި ﷲގެ ތަނަވަސް ރަޙްމަތުން،" ކެމްޕެއިނުގައި ވަޑައިގެންނެވުނު ރަށްރަށުގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ އެބޭފުޅުންގެ އަތްތައް ހުޅުވާލެވިފައިވާ ކަމަށެވެ. ދިވެހިންގެ ވަންތަކަމާއި ގައުމީ ވަންތަކަމާއި މިހުރިހާ ކަމެއްގެ ތެރެއިން "ދިވެހިންގެ ރާއްޖެ" ހޯދުމަށް އެހުޅުވާލެވިފައިވާ އަތްތަކާ ގުޅިވަޑައިގަތުށް ދައުވަތު ދެއްވާފައިވާ ކަމަށާއި އެސިޔާސީ ލީޑަރުން ހަމަ ދާދި އަވަހަށް ޕީޕީއެމް/ޕީއެންސީގެ ބަދަހި ލަޝްކަރާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސެމްބެ ވަނީ ވިދާޅުވެފައެެވެ.

ސެމްބެގެ ވާހަކަކޮޅު ކުރުކޮށްލެއްވީ، މިގައުމީ ބޮޑު ނިންމުން ނިންމަން ތައްޔާރުވެލެއްވުމަށް ގޮވާލައްވައި، ގައުމުގެ މަސްލަހަތާއި އަމަންކަމާއި ހަމަޖެހުމާއި ކުރިއެރުމަށް އަދި ރައީސް ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތާއެކު، ރިޔާސީ ރޭހުން ބޮޑުތަނުން މުއިއްޒަށް ކާމިޔާބު ވާނޭކަމަށް އުންމީދާއި ހެޔޮދުއާއާއެކުގައެވެ.