ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ބޮޑު ޗެލެންޖަކީ ވާދަވެރި ފަރާތްތަކުން ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ރައްދު ނުދެވުމުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ފޯން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވާދަވެރި ފަރާތްތަކުން ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ރައްދު ދެވިފައި ނުވާކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިއީ ހެދުނު ވަރަށް ބޮޑު މިސްޓޭކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ވާހަކަތަކަކީ ދޮގެއްކަން ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށް ނުދެވުން ކަމަށާއި ދެވަނަ ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުން ފިލުވައިދެއްވާނެ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް އެކަންކަން ގަބޫލު ކުރެވޭ ވަރަށް ބައެއް ދޮގު މައުލޫމާތުތައް ހިމަނައިގެން ދޮގު ވާހަކަތައް ދައްކާފައި އެބަހުރި ކަމަށެވެ. އަދި އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެޔަކަށް، ރައްޔިތުންނަށް އޮޅުންފިލުވައިދެވޭ ވަރަކަށް ކެމްޕޭން ތެރޭގައި މަސައްކަތް ކުރެވިފައެއް ނެތް. އެއީ އެންމެ ބޮޑު ޗެލެންޖަކަށް ފުރަތަމަ ބުރުގައި ވެގެންދިޔައީ. މިބުރުގައި އެ ހާމަކުރެވެން ހުރި ހުރިހާއެއްޗެއް ހާމަކޮށް އެކަން ރައްޔިތުންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އިވިފައިވާ އެފަދަ ވާހަކަތަކަކީ ދޮގުކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނޭކަމަށެވެ.

ރަައީސް ފާހަގަކުރެއްވި ކަމަކީ، ވޯޓް ދޭން ނިންމައިގެން ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވޯޓް ނުލައި ތިބިކަމާއި ވޯޓް ލާން ނުނެރެވި އެބަތިބި ކަމަށެވެ. އެކަން އެހެން ވެގެން ދިޔައީ އިދާރީ ގޮތުން ކުރަން ހުރި ކަންކަންމުގައި ހުރިހާ ދާއިރާއަކުން ފަރުވާ ކުޑަ ކުރެވިފައި ހުރުމުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.