ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށާއި، ދެ ބޭފުޅުން އެކުގައި ފެނުމުގެ އުންމީދު ބޮޑު ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ފައްޔާޒް ވިދާޅުވީ، ކެމްޕެއިން ޓީމްތައް އަލުން ރުކުރުވާލާއިރު ކުރީގެ ތަޖުރިބާއަށް ބައްލަވާފައި، ބަދަލުކޮށްލަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ.

"ކެމްޕެއިން ޓީމުތައް އަލުން ރުކުރުވާލާއިރު ކުރީގެ އެކްސްޕީރިއަންސަށް ބަލައިފަ، ބަދަލުކޮށްލަން ޖެހޭ ކަންތައްތަކާއި، އަޅުގަނޑުމެންގެ މީހުންނަށް ވޯޓުލާން ނުނުކުމެވުމުގެ މައްސަލަތަކާއި އެޑްމިނިސްޓްރޭޓިވްކޮށް ހުރި މައްސަލަަތަކާއި، އެކަން ކަންތައްތަކާ މެދު މަޝްވަރާކޮށް ހައްލުތަކެއް ހޯދެވުނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދެވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ ބެހޭގޮތުން، ހުރިހާ ފަރާތްތަކާއެކު ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީގެ ފަހަތަށް އެރުމުގެ ޝަރުތެއްގެ ގޮތުން، ދަ ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ޝަރުތުތަކެއްގެ ވާހަކައާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވީ، އެފަދަ ވާހަކައެއް އަޑު އިވިފައިނުވާ ކަމަށެވެ. އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅީ، ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވުމާއި، ރިޔާސީ އިންތިހާބު ކާމިޔާބުވިޔަސް ކެބިނެޓްގައި ފައްޔާޒް ނުހިމެނުމަށްކަމަށް ބުނާ ވާހަކަތަކެއް ފެތުރެމުންދާ ވާހަކަތައް ދޮގު ކުރެއްވި ނަމަވެސް، "ދަ ޑިމޮކްރެޓްސް" އާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ، އެ ދެފަރާތުގެ މެދުގައި މިހާތަނަށް ކުރިއަށްދިޔަ ވާހަކަތަކަށް ބަލާ އިރު، އިންތިހާބުގެ ދެވެނަ ބުރުގައި ރައީސް ސާލިހާއި ރައީސް ނަޝީދާ ދެ ރައީސުން އެކުގައި ފެނިދާނެ ކަމަށެވެ. އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ދެޕާޓީ ދެމެދުގައި ޖެހިފައި އޮތް ޕާސަނަލް މައްސަލަަތަކާ ގުޅިގެން މުޅި ގައުމުގެ މުސްތަގުބަލް ނަގާލާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ރައީސް ނަޝީދު، ރައީސް ސާލިހުގެ ފަހަތަށް އަރުއްވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ދިޔަ، އެމްޑީޕީގެ ގައުމީ މަޖިލީހުހެ ބައްދަލުވުމަކީ، އިންތިހާބުގެ ފުރަތަމަ ބުރުން އަންދާޒާކުރި ވަރަށްވުރެ މަދުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓު ލިބިވަޑައިގަތުމާ ގުޅިގެން، ދެވަަނަ ބުރުގެ ކެމްޕެއިން ރަނގަޅުކޮށް ފުރަތަމަ ބުރުން ލިބުނު ތަޖުރިބާގެ އަލީގައި ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދެވުމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.