ރާއްޖޭގައި ބޯހިޔާ ވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މުއިއްޒު މިޔަގީންކަން ދެއްވީ، މާފަންނުގައި ހުރި ކެމްޕޭން ޖަގަހަ "އިމްނާ" ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، މުޅި ރާއްޖޭގައި ބޯހިޔާ ވަހިކަމަށް ބޭނުންވާ ކޮންމެ ރައްޔިތަކަށް ހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށެވެ.

މިކަން ކުރައްވާނެ ގޮތުގެ ތަފްސީލްތަކާއިއެކު މެނިފެސްޓޯގައި ހާމަ ކުރައްވާފައިވާނެކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގެ ބޯހިޔާ ވަހިކަން ކަށަަރުކޮށް މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަން ފެށި މަސައްކަތް ހުއްޓުވާލީ މިސަރުކާރުން ވެރިކަމަށް ވަޑައިގެންކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ މާލޭގައި ހުރި ހުރިހާ ގަރާޖްތަކާއި، ގުދަންތައް އިންޓަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިމިފައި އޮއްވާ އެކަން ހުއްޓުވާލީވެސް މިސަރުކާރުން ކަމަށެވެ. އަދި މަގުތައް ހެދުމުގެ މަޝްރޫއުވެސް މިސަރުކާރުން ހުއްޓުވާލި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މާލޭގެ މަގުތައް ހެދުމަށް މިސަރުކާރުން ކުރި މަސައްކަތުގައި ފަސް އަހަރު ދުވަހު އެންމެ މަގެއް ނިންމާނުލެވުމަކީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ދެމަޝްރޫއު ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި ހަވާލުވުމަށްފަހުވެސް ކުރަން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރެއްވި ކަމަށާއި، ސީދާ މިސަރުކާރުން ކަން އެކަންކަން ހުއްޓުވާލިކަން އެނގޭނެ ހެކިތައްވެސް ރައްޔިތުންނަށް ހާމަކުރަން ތައްޔާރުކަމަށް މުއިއްޒު ވިދާޅުވިއެވެ.