ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ކިމް ޖޮންގް އުން ދެއްވި ދައުވަތު ގަބޫލުކުރައްވައިފި އެވެ.

އުތުރު ކޮރެއާއިން ބުނެފައިވަނީ ބުދަ ދުވަހު ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ބައްދަލުވުމަކަށްފަހު ކޮރެއާއަށް ޒިޔާރަތް ކުރެއްވުމަށް އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ރަޝާގެ ރައީސް ވްލަޑިމިއާ ޕޫޓީނަށް ދައުވަތު ދެއްވާފައެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ބުނާ ގޮތުގައި ކިމް ދައުވަތު ދެއްވީ ޕޫޓިންއަށް "ފަސޭހަ ވަގުތެއްގައި" އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވުމަށެވެ. އަދި ޕޫޓިން ވަނީ މި ދައުވަތު އުފަލާއެކު ގަބޫލުކުރައްވައި، ދެ ގައުމު ދެމެދުގައި އޮންނަ ގާތްގުޅުމާއި އެކުވެރިކަމުގެ ތާރީހު ކޮންމެހެން ކުރިއަށް ގެންދަވަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ މި ބައްދަލުކުރެއްވުމަކީ ނުރައްކާތެރި ކަމެއްގެ ފެށުން ކަމަށް ބުނެ އެމެރިކާއިން ވަނީ ވާހަކަ ދައްކާފައެވެ. އެމެރިކާއިން ތުހުމަތު ކުރަނީ، މި ހާއްސަ ދައުވަތާއި ބައްދަލުވުމަކީ ހަތިޔާރު ބަދަލުކުރުމުގެ ވާހަކަތަކަށް ކުރިއަށްދާ ކަމެއްކަމަށެވެ.

މީގެ ކުރިން ދެ ލީޑަރުން ވަނީ އެކުގައި ބައިވެރިވެލެއްވި ސަމިޓަށްފަހު، ރަޝިޔާގެ ދުރުއިރުމަތީގައި ހުންނަ ޖައްވީ މަރުކަޒަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

ދެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ސަމިޓަށް ވަޑައިގެންނެވީ އެކުވެރިންނާ އެކުގަ އެވެ. ކިމްގެ ތެރޭގައި އޭނާގެ ކޮއްކޮ ކިމް ޔޯ ޖޮންގް ވެސް ހިމެނެ އެވެ. އަދި އޭނާއާ އެކު ޓޮޕް އެއިޑެއް ކަމަށްވާ ޕާކް ޖޮންގް ޗޮން އާއި ކޮރެއާ ޕީޕަލްސް އާމީގެ ކޮމާންޑަރު ރީ ޕިއޮންގް ޗޮލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޕޫޓިން ވަޑައިގަތީ ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ އާއި ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވްއާ އެކުގަ އެވެ.

ކިމް ޖޮން އުން އާއި ޕޫޓިންގެ ބައްދަލުވުން އޮތީ ވޮސްޓޮޗްނީ ސްޕޭސް ސެންޓަރުގަ އެވެ. ކިމް ރަޝިއާއަށް ދަތުރު ކުރެއްވީ އަމިއްލަފުޅު ރޭލެއްގަ އެވެ.

އެ ބައްދަލުވުމަށް ފަހު ޕުޓިން ވިދާޅުވީ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އުތުރު ކޮރެއާއިން ސެޓެލައިޓް އުފެއްދުމުގައި ރަޝިއާއިން އެހީވުމާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.