ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ޙާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަން ކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖަައްސަދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީޑިއާއަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ޑިމޮކްރަސީ ނަގައި ކޮޅަށް ޖަހައި ޑިމޮކްރަސީގެ ހަމަތަކާއިއެކު ދައުލަތް ހިންގުމަށް އެންމެ ބޮޑަށް ފާރަވެރިވެ ޒިންމާދަރު ކުރުވާ ބަޔަކީ މީޑިއާތައް ކަމަށެވެ.

މިހާރުވެސް ސަރުކާރުން އެކި މީޑިއާތަކަށް ނުފޫޒު ފޯރުވާ ކަމުގެ ވާހަކައަކީ އިވޭ ނުހުއްޓުނު ވާހަކައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން ހުއްޓުވޭނެ ނިޒާމަކީ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން މީޑިއާތަކަށްވެސް ފައިސާ ދޫކުރާނެ ނިޒާމެއް ކަނޑައަޅައި ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައެޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން ކުރުމަށް ގާނޫނާއި ގެނަން ޖެހޭ އިސްލާހު ގެނެސް މިކަމަށް ޖާގަ ހޯދާ ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަކި އިންސަތައެއް ދޭ ގޮތަށް މި އޮންނަނީ. އެހެންވީމަ، ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް އެއީ، ނޫސްވެރިކަމަށް [ނުވަތަ] ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް، އެ ފަރާތްތަކަށް ފައިދާ ވާނެ ގޮތަށް ނޫސްވެރިކަމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް ދޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުށަހަޅާނަން،"
ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން މީޑިއާތައް ހިންގައި މީހުން ތަމްރީން ކުރުމަށް އެކަށީގެންވާ ނިޒާމެއް ހަމަ ޖައްސައި މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން މިގޮތަށް ކަނޑައެޅުމުން ވަކި އޮފީހަކުން ވަކި ކުންފުންޏަކުން ފައިސާ ދިނުމުން ވަކި ގޮތަކަށް ހަބަރު ގެނެސްދޭން ޖެހޭ ޖެހުމަށް ނިމުންއައިސް މިނިވަން ކަމާއިއެކު ޚަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ޖާގަ ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދައުލަތުގެ ބެޖެޓުން ފައިސާ ދޭ ގޮތަށް ހެދުމުން، ނޫސްވެރިކަމުގެ ދާއިރާ މިނިވަންކަމާއެކު ތަރައްގީވެގެންދާތަން ފެންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެއާއެކު އެއްވެސް ފަރާތެއްގެ ނުފޫޒު ނުހިނގާ، ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއެކު ކުރިއަރައިގެންދާ ދާއިރާއަކަށް ނޫސްވެރިކަން ވެގެން ދާނެކަމަށް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

މުއިއްޒު ވަނީ ރާއްޖޭގެ ނޫސްވެރިން މި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރައްވާފައެވެ.