ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރަމުންދާ ކެމްޕޭންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، މިރޭ މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާ މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު މުއިއްޒާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ މުޅި ކެމްޕެއިން ޓީމުވެސް ގެންދަވަނީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެއްވުމަށް މިންނެތް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިއަދު ހަވީރު މުއިއްޒު ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވާނީ ފޭސްދޭއްގެ ބަސް ސްޓޮޮޕް އެކެއްގެ ކައިރިންނެވެ. މިބައްދަވުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައެވެ.

މިބައްދަލުވުމަށްފަހު މިރޭ އާރޓްފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމާއި ބައެއް ފަރާތްތަކުން ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުއިއްޒު ގެންދަވަނީ ކެމްޕޭގައި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕޭން އިިތުރަށް ފުޅާ ކުރަމުންނެވެ. އެގޮތުން މުއިއްޒު ވަނީ އިއްޔެ އެކަނިވެސް އަރިއަތޮޅުގެ އެގާރަ ރަށަކަށް ވަޑައިގެންފައެވެ. މިއީ ކެމްޕޭނެއްގައި ކެންޑިޑޭޓަކު މިހާ ގިނަ އަދަދެއްގެ ރަށްތަކަކަށް އެއްދުވަހެއްގައި ދިޔަ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ސެމްބެވެސް ގެންދަވަނީ އެކި ހިސާބުތަކުގައި ކެމްޕެއިން ފުޅާކުރައްވަމުންނެވެ.