ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ތައުލީމީ އަދި ރައްޔިތުން ފަހުރުވެރިވާ ކެބިނެޓެއް ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ..

ރޭ ކުރިއަށް ގެންދިޔަ 'އާސްކް މުއިއްޒު' ޕްރޮގުރާމުގައިި މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށާއި ކެބިނެޓުގައި ތިއްބަވާނީ އެ ދާއިރާއަކުން ތަޖުރިބާހުރި ފަންނީ، ހިންގުންތެރި ބޭފުޅުން ކަމަށެވެ.

"އަޅުގަނޑުމެން ގާއިމުކުރާ ކެބިނެޓުގައި ތިބޭނީ އިރާދަކުރެއްވިއްޔާ އެ ދާއިރާތަކުން ތައުލީމު ލިބިފައި ތިބި، އެދާއިރާގައި ތަޖުރިބާ ހޯދާފައި ތިބި އަދި ވަރަށް ހީވާގި ކަމާއެކީގައި މަސައްކަތް ކުރާ މީހުން."
މުއިއްޒު

ތައުލީމީ ދާއިރާ އަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ހަމަޖައްސާނީ އެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ހުރި ހީވާގިކަމާއެކު މަސައްކަތްކުރާނެ އިހުލާސްތެރި ބޭފުޅަކު ކަމަށެވެ. އަދި ތައުލީމީ ނިޒާމު ވަރުގަދަކޮށް އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ގެރެންޓީ އޮތް ބޭފުޅަކަށް ކެބިނެޓުގައި އިންނަވާ ބޭފުޅާ ވާން ޖެހޭނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ވަކި މީހަކު ބުނާ މީހަކު ލައިގެން، ކަންތައް ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި މިކަމުގައި އެމަނިކުފާނު ހުންނެވީ ވަރަށް ސީރިޔަސްކަމާ އެކީގައިކަމަށެވެ. އަދި އެމަނިކުފާނުގެ މަގުސަދަކީ ހަގީގީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދެއްވުންކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ވަކި މީހަކު ބުނާ މީހަކު ލައިގެން، އަޅުގަނޑު ނޫޅެން މިގޮތަށް ކަންތައްކުރާކަށް. އަޅުގަނޑު ވަރަށް ސީރިޔަސްކަމާއެކީ މިކަމުގައި މިހުރީ، އަޅުގަނޑު ބޭނުން ހަގީގީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދެން."
މުއިއްޒު

މުއިއްޒު ރައްޔިތުންނަށް ދެއްވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ދައްކައި ދެއްވާނެކަމުގެ ޔަގީންކަމެވެ.

މުއިއްޒުގެ ވެރިކަމެއްގައި ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓްރީތަކުގައި އޮންނާނީ ޖަމިއްޔަތުއް ސަލަފްގެ ބާރު ކަމަށް އަޑު ފެތުރެމުން އެއަޑު ދުވަހަކަށްވުރެ ދުވަހެއް ގަދަވަމުންދާތާ ކިތަންމެ ދުވަހެކެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ގޭންގްތަކުގެ ބާރު ހިނގާނެ ކަމަށާއި އެފަދަ މީހުން މިހާރު ވެސް ކެމްޕެއިންގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތު ވާދަވެރިން ދަނީ އެމަނިކުފާނަށް ކުރައްވަމުންނެވެ.