ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށާއީ އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

"އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،".
ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ހައުސިން ސްކީމްގެ ތެރެއިން ވައުދުވެފައި ހުރި އެހެން ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަދި ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ފްލެޓް ދިނުމާއި ޔުނިވާސިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓް ދިނުމާއި ކަރެކްޝަންސްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްދިނުމަށް ވައުދުވެފައިވާ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވެފައިވެއެވެ.