ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޮލަޝިޕް ފަންޑަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފަންޑަކީ ދުނިޔޭގެ ބޮޑެތި ޔުނިވަސިޓީތަކުގައި ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ފުލް ފަންޑުން އިންޓަނޭޝަނަލް ސްކޮލަޝިޕް ދިނުމަށް ކޮންމެ އަހަރަކު ހިންގާ މެރިޓް ބޭސްޑް ސްކޮލަޝިޕް ސްކީމެކެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިންގާނެ ހަރަދުތައް، ވިސާ ފީ، އަހަރީ ފޮތް އެލަވަންސް، އެސްޓަބްލިޝްމެންޓް އެލަވަންސް އަދި އެއާޓިކެޓު ލިބޭނެކަމަށެވެ.

މިކަމަށް އެދި ފޯމު ހުށަހަޅާ ކުދިންގެ ތެރެއިން ހޮވޭ ތިން ކުދިންނަށް ތަންޓައިމްސް ހަޔާ އެޑިއުކޭޝަން ޔުނިވަސިޓީ ރޭންކިން ގައިޑްގައި ހިމަނާފައިވާ އެންމެ މޮޅު 200 ޔުނިވަސިޓީގެ ތެރެއިން ކޮންމެވެސް ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށް ބީއެމްއެލްއިން ބުނިއެވެ.އަދި ސްކޮލަޝިޕް ފަންޑަށް ކުރިމަތިލާއިރު އެވޯޑު ބޭނުން ނުވި ނަމަވެސް ހޮވޭނަމަ ސްކޮލަޝިޕް ދިނުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ބުނީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖުމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ދާއިރާއިން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށެވެ.އަދި ވަޒީފާއަށް ކުރިމަތިލާއިރުވެސް އަދި ކިޔެވުމުގައި ވެސް އެހެން ސްކޮލަޝިޕެއް ލިބިފައިވާ މީހަކަށް ނުވުންވެސް ހިމެނެއެވެ.

ސްކޮލާޝިޕްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު [email protected] އަށް މެއިލްކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ސްކޮލަޝިޕް ސައިޓުން ފެނަން ހުންނާނެކަމަށްވެސް ބީއެމްއެލްއިން ބުނިއެވެ.