ލަންކާއާއި، އެހެން ގައުމުތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލު ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު، ސެމްބެ ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައްޔިތުންގެ ތައީދު ހޯދުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ ޓީމުތަކުން ހުއްޓުމެއްނެތި ކުރަމުންދާ ކެމްޕޭންގައި ލަންކާއަށް ވަޑައިގެން އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ސެމްބެ ވިދާޅުވީ ރާއްޖޭގެ ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެއަށް އަންނަ ދަރިވަރުންނަށް އަދާކުރާނެ ވަޒީފާއެއް ނެތި މަގުމަތުކޮށްފައިވާކަމީ މިއަދު ފެންނަ އޮތް ހަގީގަތް ކަމަށެވެ. އަދި ތައުލީމީ ގޮތުން މަތީފާސް ނަގައިގެން ރާއްޖެއަށް ގޮސް ވަޒީފާއެއް ނުލިބި އެތައް ޒުވާނުންނެއް ތިބުމަކީ ކަންބޮޑުވުމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.
މިސަރުކާރުން ވަނީ ޒުވާނުން ބާކީކޮށް، މަގުމަތި ކޮށްފައި ކަމަށާއި އެކަން ބަދަލުކޮށް ޒުވާނުންނަށް ހައްގު މިންވަރު ލިބޭ ގޮތަށް ވަޒީފާގެ ތަނަވަސް ފުރުސަތުތަކެއް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަށަވަރު ކޮށްދެއްވާނެ ކަމަށް ސެމްބެ ވިދާޅުވިއެވެ. ހަަމަ މިއާއިއެކު ލަންކާއާއި އެހެން ޤައުމުތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލު ގެނެސްދެއްވާނެ ކަމަށް ސެމްބެ ވިދާޅުވިއެވެ.
މީގެ އިތުރުން ސެމްބެ ވިދާޅުވީ 9 ސެޕްޓެމްބަރުގައި ނެގުނު ވޯޓުން ރާއްޖޭގެ ރައްޔިތުން ވަނީ ސަރުކާރުން ބޮޑެތި ގޯސްތައް ހަދައި ވެރިން ރައްޔިތުންނަށް ހިޔާނާތް ވެފައިވާކަން ހާމަކޮށްދީފައި ކަމަށެވެ.
އަދި އެއަށްފަހު ފެނިގެންދަނީ ރައްޔިތުންގެ ކައިރިއަށް ދާން ނުކެރި ވެރިކަން ކުރާ އެމްޑީޕީން ހުއްޓުން އަރާފައިވާތަން ކަމަށެވެ. ނަމަވެސް މާލޭގައި ދޭތެރެއަކުން ބާއްވާލާ ކަންމަތީ ކުޑަ ބައްދަލުވުންތަކުގައި އެއްވެސް ދިރާސާއެއް ކަންކުރާނެ ގޮތެއް ބެލުމެއްނެތި ވަމުންދާ ވައުދުތަކަކީ ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ވާ ވައުދުތަކެއް ކަމަށް ސެމްބެ ވިދާޅުވިއެވެ.