ދިވެހިރާއްޖޭގައި އަބަދުވެސް އޮތީ ބަރުލަމާނީ ނިޒާމުކަމަށާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނިޒާމީ ވޯޓުނަގަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލު ކުރައްވާކަމަށާއި ރައްޔިތުންނަށް މިވާހަކަ އަޑު އިވޭތާ އެތައް ދުވަސްތަކެއް ވެއްޖެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިވާހަކަތައް ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭތާ ވަރަށް ގިނަދުވަސް ވެއްޖެ، ދެން ވަކިވަގުތެއްގެ ވާހަކަ، މިވަގުތު އެންމެ ރަނގަޅުކަމަށް އަޅުގަނޑަށް ފެންނަނީ ހަމަ ދާދި ދެންމެ ރިޔާސީ އިންތިހާބެއް އޭރު ނިމޭނީ، ނިމުނު އިރު ކަންވެފައި އޮތްގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ، އެއީ އިއްތިހާދު ވާން ޖެހުމާއި އެއްވެސް ބޭފުޅަކަށް ފަންސާސް އިންސައްތަ އަށްވުރެ މަތިން ވޯޓުލިބިގެން ނައުމާއި މިބާވަތުގެ އެތައްއެތައް އުނދަގޫތަކެއް އެދަނޑިވަޅު ފެންނަމުންދާނެ، އަޅުގަނޑު ދެކޭގޮތުގައި ވަގުތުވެސް އެބައޮތް، އަދިމިއީ މިކަންކުރަން އޮތް އެންމެ ރަނގަޅު ވަގުތު،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނަން ރަނގަޅީ ވެރިން ޖަވާބުދާރީ ކުރުވައިގެން ދެފުށް ފެންނަ ގޮތަަކަށް ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް ކަަމަށެވެ. ރާއްޖޭގައި އަބަދުވެސް އޮތީ ބަރުލަމާނީ ނިޒާމުކަމަށާއި މާޒީއަށް ބަލައިލިޔަސް އެކަން ވަރަށް ރަނގަޅަށް ހާމަވާފަދައިން ރާއްޖޭގައި ބަރުލަމާނީ ނިޒާމު އޮތްކަން ނަޝީދު ވަނީ ސާބިތުކޮށްދީފަައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖެއަށް, ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ވެރިން ޖަވާބުދާރީ ކުރުވައިގެން ދެފުށް ފެންނަ ގޮތަކަށް ހިންގޭ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް ހިންގުން. ހާއްސަގޮތެއްގައި ވިސްނަވާލައްވަން ޖެހޭނެ، ދިވެހިރާއްޖޭގައި އަބަދުވެސް އޮތީ ބަރުލަމާނީ ނިޒާމު. މުހައްމަދު އަމީނު ބަދަލުކުރެއްވީ 93 އެއްގައި ނުވަމަސްދުވަސް ނުވެ އެޖުމްހޫރިއްޔަތު ނިމިއްޖެ ވަރަށް ހިތާމަވެރި ގޮތެއްގައި މުހައްމަދު އަމީނާއެކުގައި އަނެއްކާވެސް ބަރުލަމާނީ ނިޒާމަށް ފުރޮޅުނީ. ފާމުދޭރި ކަލޭގެފާނަށް ފަހުގައި އިބްރާހިމް ނާސިރު ދިހަ އަހަރު ބޮޑުވަޒީރުކަން ކުރައްވާފައި އޭގެ ފަހުން އިބްރާހީމް ނާސިރު ގެންނެވީ ރިޔާސީ ނިޒާމު. އޭގެ ތެރޭގައި އަނެއްކާ ނާސިރު، އަހުމަދު ޒަކީ ބޮޑުވަޒީރުކަން ހޯއްދަވައިފި، އެހެންވީމަ ދިވެހި ރާއްޖޭގައި ރިޔާސީނިޒާމެއް ހަގީގަތުގައި މިދިޔައީ ނާސިރުގެ ކުޑަ ދުވަސްކޮޅަކާއި ރައީސް މައުމޫނުގެ ދިގު 30 އަހަރު، ދެން މަޖުބޫރުވީ ރިޔާސީ ނިޒާމެއްގައި އިންނަން،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގަަ މިހާރު ލިބިފައިވާ މިންވަރަށް ގޮނޑި ހުރިނަމަ އެމަނިކުފާނު ރައީސެއްގެ ގޮތުގައި ނީންނަވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.