ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުހައްމަދު މުއިއްޒު މޮޅުވާނީ 56.5 އިންސައްތަ ހޯދައިގެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާން ވިދާޅުވެއްޖެވެ.
ނިހާން މިފަދައިން ވިދާޅުވެފައިވަނީ އެކްސް.ކޮމްގައި ކޮށްފައިވާ ޓުވީޓަކަށް ކޮމެންޓެއް ކުރައްވާފައެވެ. މުއިޒު ހޮވުމަށް ކުރަމުންދާ މަސައްކަތަށް މިހާރު އުންމީދު އާވެއްޖެ ކަމަށާއި އިންތިހާބު 60 އިންސައްތަ ވޯޓުން މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށް ބުނެ ކޮށްފައިވާ ޓުވީޓުގެ ޖަވާބުގައި ކޮމެންޓުކޮށް ނިހާން ވިދާޅުވީ ޑރ. މުއިއްޒަށް ދެވަނަ ބުރުގައި 56.5 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.
ޖުމްހޫރީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައި އެބޭފުޅަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ދިނުމާއިއެކު ނިހާން ވަނީ ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ މުއިއްޒަށް ކަން ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.
ރިޔާސީ އިންތިހބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.